ޚަބަރު

ފިޠުރު ޒަކާތުގެ ގޮތުގައި މިހާތަނަށް 7 ލައްކައަށް ވުރެ ގިނަ ރުފިޔާ


މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި 7 ލައްކައަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތުގެ ގޮތުގައި ހަތް ލައްކަ ފަންސާސް ހާސް އަށް ސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ލިބިފައިވާކަމަށެވެ. އިސްލާމިކް މިނިސްޓްރީގެ މުރުޝިދު މުސާޢިދު އައްޝައިޚް ޖަންނަތު ސަޢީދު ވިދާޅުވީ މިއަހަރުގެ ފިޠުރު ޒަކާތް ދައްކާ މިންވަރު އިތުރުވެގެންދާނެކަމަށް ބެލެވޭކަމަށެވެ. މިގޮތުން ފިޠުރު ޒަކާތް ދެއްކުމަށް ގިނަ އަދަދެއްގެ ބަޔަކު ނުކުންނަކަން ޖަންނަތު ފާހަގަކުރައްވިއެވެ. ފިޠުރު ޒަކާތް ދެއްކުމަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖައްސަވާފައިވާކަން ފާހަގަކުރައްވަމުން ޖަންނަތު ސައީދު ވިދާޅުވީ އެންމެ ފަހު ވަގުތަށް ނުތިއްބަވައި ފިޠުރު ޒަކާތް ދެއްކުމަށް އަވަސްވެގަންނަން ޖެހޭކަމަށެވެ.

މިއަހަރުގެ ފިޠުރު ޒަކާތް ބަލައިގަންނަ ފެށީ ރޯދަމަހުގެ ދެވަނަ ދުވަހުން ފެށިގެންނެވެ.

ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:15 އިން ފެށިގެން މެންދުރު 1 ޖެހުމާ ހަމައަށް ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. މާލޭގައި ޒަކާތް ބަލައިގަންނަމުން ގެންދާނީ އިސްލާމިކް މަރުކަޒުގައި ޤާއިމުކޮށްފައި ހުންނަ ކައުންޓަރުންތަކުންނެވެ.

ވިލިމާލޭގައި ޒަކާތް ބަލައިގަންނަނީ ވިލިމާލޭގައި ހުންނަ ސިޓީ ކައުންސިލްގެ ޔުނިޓުންނެވެ. ހުޅުމާލޭގައި ނަމަ ޒަކާތް ބަލައިގަންނާނީ ހުޅުމާލޭ ކޮމިއުނިޓީ ސެންޓަރުންނެވެ. ރަށްރަށުގައި ޒަކާތް ބަލައިގަންނާނީ އެރަށެއްގެ ރަށު ކައުންސިލުންނެވެ.

މާލެ، ވިލިމާލެ، ހުޅުމާލޭގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހޭ މިންވަރު:

އާދައިގެ ހަނޑޫ - 15ރ
ތައިލެންޑް ހުދު ހަނޑޫ - 45ރ
ބާސްމަތީ ހަނޑޫ - 95ރ
ރަތް ހަނޑޫ - 75ރ
އާދައިގެ ފުށް - 15ރ
އާޓާ ފުށް - 60ރ

ރަށްރަށުގައި ޒަކާތުގެ ގޮތުގައި ދައްކަންޖެހެނީ ޢާއްމުކޮށް ކާން ބޭނުންކުރި ގޮވާމުގެ ބާވަތްތަކުން ދޭއް ޕޮއިންޓު ހަތަރެއް، ކިލޯއަށް ވާ އަގުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ. ރަމަޟާންމަހުގެ އޮނަތިރީސްވަނަ ދުވަހުގެ ނިޔަލަށް ފިޠުރު ޒަކާތް ބަލައިގަތުމުގެ ކަންކަން ކުރިއަށްގެންދާނެކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.

އުރީދޫއާއި ދިރާގު ކަސްޓަމަރުންނަށް އޮންލައިންކޮށް ފިޠުރު ޒަކާތް ދެއްކޭނެ ގޮތްވެސް ވަނީ ހަމަޖައްސާފައެވެ. އިސްލާމިކް މިނިސްޓްރީން ވިދާޅުވީ އޮންލައިން ޕޯޓަލްތައް މެދުވެރިކޮށް ފިޠުރު ޒަކާތްދެއްކޭނީ ރަމަޟާން މަހުގެ ހަތާވީސްވަނަ ދުވަހުގެ އިރުއޮއްސި ހައެއް ޖެހުމާ ހަމައަށްކަމަށެވެ.