ޚަބަރު

މާލީ ބަޔާން ހުށަނޭޅި މައްސަލަ ތަހުގީގުކުރުމަށް އީސީއަށް ފޮނުވާލައިފި


ނިމިިދިޔަ ރައްޔިތުން މަޖިލީހުގެ އިންތިޚާބުގައި ވާދަކުރި ކެނޑިޑޭޓުން ތެރެއިން މާލީ ބަޔާން ހުށަނޭޅި ފަރާތްތަކުގެ މައްޗަށް ދައުވާކުރުމަށް ފޮނުވި ރިޕޯޓްގައި ފުރިހަމަ ނުވާކަންކަން ހުރުމުން ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަނބުރާ ފޮނުވާލައިފިއެވެ.

މަޖިލިސް އިންތިހާބުގައި ވާދަކުރު ފަރާތަތަކުގެ ތެރެއިން މާލީ ބަޔާން ހުށައަޅަންޖެހޭ މުއްދަތުގައި ހުށަނޭޅި 39 ކެނޑިޑޭޓެއްގެ މައްޗަށް ދައުވާކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ.

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު އަހްމަދު އަކުރަމު ވިދާޅުވީ މާލީ ބަޔާން ހުށަނޭޅި ކެނޑިޑޭޓުންގެ ރިޕޯޓްތަކުގައި ބައެއްކަން ކަން ތަހުޤީގު ކުރުމަށް ޕީޖީން އެ އޮކޮމިޝަނަށް އަލުން ފޮނުވާލާފައިވާކަމަށެވެ. އަދި އެކަންކަން ފުރިހަމަކުރުމަށްފަހު ވަރަށް އަވަހަށް އަލުން އެ މައްސަލަތައް ޕީޖީއަށް ހުށައަޅާނެކަމަށްވެސް އަކުރަމު ވިދާޅުވިއެވެ. އެހެންނަމަވެސް ތަހުޤީޤުކުރަން ޖެހޭނީ ކޮން ކަންތައްތަކެއްކަމެއް އަކްރަމު ވިދާޅެއް ނުވެއެވެ.

އިންތިޚާބުތަކާއި ބެހޭ ޢާއްމު ޤާނޫނުގައި ބުނެފައިވަނީ އިންތިޚާބާއި ގުޅިގެން ކެންޑިޑޭޓު ކޮށްފައިވާ ޚަރަދުތަކުގެ ތަފުޞީލާއި ތާޢީދު ހޯދުމަށްޓަކައި ކެންޑިޑޭޓަށް ތާޢީދު ހޯދުމަށް ކޮށްފައިވާ ޚަރަދުތަކުގެ ތަފްޞީލާއި އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާ ހޯދި ގޮތުގެ ތަފްޞީލް ހިމެނޭ މާލީ ބަޔާނެއް ނުވަތަ ރިޕޯޓެއް އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭނެ ކަމަށެވެ.

އިންތިޚާބަށް ޚަރަދު ކުރުމަށް ފައިސާދިން ފަރާތްތަކާއި ފައިސާ ދިން މިންވަރުވެސް މި ރިޕޯޓުގައި ކެންޑިޑޭޓު ހިމަނަންޖެހެއެވެ. މި ޤާނޫނުގައި ބުނެފައިވަނީ ހުށަހަޅާ މާލީ ބަޔާން ނުވަތަ ރިޕޯޓަކީ ސައްޙަ އެއްޗެއްކަން ކަށަވަރު ކުރުމަށްޓަކައި ހުށަހަޅާ މަޢުލޫމާތުގެ ފައިސާގެ ރަސީދުތައްވެސް ހުށަހަޅަންޖެހެއެވެ.

މާލީ ބަޔާން ހުށަނާޅާ ފަރާތްތައް:
އަމިއްލަ ކެންޑިޑޭޓުން: 31
ޕީޕީއެމްގެ ކެންޑިޑޭޓުން: 2
ޕީއެންސީގެ ކެންޑިޑޭޓުން: 1
އަދާލަތުގެ ކެންޑިޑޭޓުން: 1
އެމްޓީޑީގެ ކެންޑިޑޭޓުން: 2
ލޭބަރ ޕާޓީގެ ކެންޑިޑޭޓުން: 2

އިންތިޚާބާ ބެހޭ ޢާއްމު ޤާނޫނަށް މިދިޔަ އަހަރު ގެނައި އިޞްލާހުގައި ބުނެފައި ވަނީ، ވަކި ކަމެއް ކުރުމަށް އެ ޤާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިޚާބީ ކުށެއް ކަމަށެވެ. އޭގެ އަދަބެއްގެ ގޮތުން، 6 މަސް ދުވަހާއި 2 އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6000 ރުފިޔާއާއި 24،00 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށްވެސް އެ ޤާނޫނުގައި ވެއެވެ.

ސުންގަޑި ހަމަވުމުގެ ކުރިން މާލީ ބަޔާން ހުށަހަޅާފައިވަނީ އެމްޑީޕީއާ ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭއިންނެވެ.