ޚަބަރު

ވެށި ސާފުކޮށް ބޭއްވުމުގައި، ބޮޑެތި މީހުންނަށް ގޮންޖަހާލި 5 ކުދިން


ކުނި މެނޭޖް ކުރުމާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމުގެ ވާހަކައަކީ އަބަދުވެސް ދެކެވެމުންދާ ވާހަކައެކެވެ. ތިމާ ދިރިއުޅޭ ވެއްޓާއި މޫދަށް ބަލާލުމެއްނެތި އުކާލާ ކުނީގެ ސަބަބުން ތިމާވެއްޓަށް ލިބެމުންދާ ގެއްލުންތައް ކުޑަކުރުމަށް އެކި ޖަމްޢިއްޔާތަކާއި ކަމާ ގުޅުންހުރި ފަރާތްތަކުން އަބަދުވެސް މަސައްކަތްކުރެއެވެ.

ނަމަވެސް މިކަން ކޮންޓްރޯލް ކުރުމަށް އަދިވެސް ދަތިތަކެއް އެބަހުއްޓެވެ. ކިތަންމެ ވަރަކަށް ކަމާ ގުޅުންހުރި ފަރާތްތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުން ކުނީގެ މައްސަލަ ހައްލުކުރަން މަސައްކަތްކުރިނަމަވެސް މިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ނުވަތަ ހުރަހަކީ ވަކިވަކި ފަރުދުންނެވެ. ދައްކަން މި އުޅެނީ ފަރުދީ ޒިންމާގެ ވާހަކައެވެ.

ރާއްޖޭގެ ސާފު ގޮނޑުދޮށްތަކާއި މޫދާއި ފަޅުތައް ސާފުކޮށް ބޭއްވުމަށް އެކި ފަރާތްތަކުން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މީގެ ތެރޭގައި ޖަމްޢިއްޔާތަކާއި ވަކި ފަރުދުންވެސް ހިމެނެއެވެ.

ކޮންމެއަކަށް މިފަދަ ކަންކަމުގައި ގިނައިން އިސްނަގާ ނަމޫނާ ދައްކާތަން ފެންނަނީ ބޮޑެތި މީހުންނެވެ. ނަމަވެސް މިފަހަރު ދައްކަން މިއުޅެނީ ކުޑަ 5 ފިރިހެން ކުއްޖަކު މުޖުތަމަޢު ސާފުކޮށް ބޭއްވުމަށް ބާރުއެޅުމަށް ދެއްކި ރީތި ނަމޫނާއެއްގެ ވާހަކައެވެ.
ލ.މާބައިދުއަށް އުފަން ޢަލީ ޒަމްހާދުއާއި އޭނަގެ 4 ރަހްމަތްތެރިންގެ ވާހަކައެވެ.

އެއީ މިދިޔަ އަހަރުގެ ބޮޑު ޗުއްޓީއެވެ. ޒަމްހާދު ބުނީ އުފަން ރަށް މާބައިދުއަށް އޭނާ ދިޔައީ އާއިލައާއި ރަށްޓެހިންނާއެކު ޗުއްޓީ ހޭދަކޮށްލަންކަމަށެވެ.

ރަށުގެ ހިތްގައިމު މާޙައުލު ތަޖުރިބާ ކޮށްލުމަށް ދިޔަ އެކުދިންގެ ލޮލުގައި އެންމެ ފުރަތަމަ އަޅައިގަތީ އެރަށަށް ފައިބާ ކޮންމެ މީހެއްގެވެސް ލޮލުގައި އަޅައިގަންނާނެ މަންޒަރެއްނަމަވެސް އެއްވެސް ބަޔަކު އެކަމާމެދު ފިކުރު ނުހިންގާ ކަމެކެވެ. ޒަމްހާދް ބުނީ ރަށަށް ކައިރިކޮށްލި ފުރަތަމަ ވަގުތުވެސް ލޮލުގައި އަޅައިގަތީ މުޅި ބަނދަރުތެރޭ ކިލަނބުވާވަރަށް ޖަމާވެފައިވާ ކުނިތައްކަމަށެވެ. މިއީ އެރަށަށް ފައިބާ ކޮންމެ މީހަކަށްވެސް ފުރަތަމަ ފެންނާނެ މަންޒަރެވެ.

މި މަންޒަރާއެކު ޒަމްހާދާއި އޭނަގެ 4 އެކުވެރިން ނިންމީ ބަނދަރު ސާފުކޮށްލުމުގައި އެކުދިންގެ ފަރުދީ ޒިންމާ އަދާކޮށްލުމަށެވެ. އެކުދިންވަނީ ބަނދަރު ސާފުކުރުމުގެ ކުރިން ބަނދަރު އޮތް ގޮތުގެ ފޮޓޯ ސޯޝަލް މީޑިއަގައި ޝެއަރކޮށްފައެވެ. މި ފޮޓޯތަކުން ފެންނަނީ މޫދު ވިނަޔާއި، ޒާތްޒާތުގެ ޕްލާސްޓިކް ފަދަ ތަކެތި ބަނދަރުތެރޭގެ ބައެއް ހިސާބުތައް ފުރާލާފައިވާ މަންޒަރެވެ.

ބަނދަރު ސާފުކުރުމުގައި އިސްނެގީ ޒަމްހާދާއި ޢުމުރުން އެންމެ 15 އަހަރާއި 19 އަހަރާ ދެމެދުގެ އެނާގެ 4 އެކުވެރިންނެވެ. ޒަމްހާދު ބުނީ ޗުއްޓީގައި ރަށަށްގޮސް ކުރާނެ ވަކި ޚާއްސަކަމެއް ނެތުމާއެކު، އެންމެން ބޭނުންކުރާ މިފަދަ ތަނެއް ސާފުކޮށްލުމުގެ ޝައުގު ބޮޑުވިކަމަށެވެ. އެގޮތުން ބަނދަރުތެރެ ސާފުކުރުމަށް ބޭނުންކުރި ދާގޮށި ފަދަ ތަކެއްޗަކީވެސް އެކުދިން ތަންތަނުން އެއްޗެހި ހޯދައިގެން އަމިއްލައަށް ހެދި ތަކެތިކަމަށް އެކުދިންވަނީ ބުނެފައެވެ. އެކުދިންވަނީ ޑިންގީއެއްގައިގޮސްގެން ބަނދަރުގެ ދުރު ހިސާބުތަކުންވެ ކުނިތައް ނަގައި ފަޅުތެރެ ސާފުކޮށްފައެވެ.

މި 5 ކުދިން މިމަސައްކަތް ފެށީ އެދުވަހުގެ މެންދުރުގެ ވަގުތެއްގައެވެ. އިރުއިއޮއްސުމާއި ގާތްވެފައިވަނިކޮށް މަސައްކަތް ނިމުނުއިރު، މި ކުދިންވަނީ ބަނދަރުތެރޭގައި ލޮނުގަނޑު ނުފެންނަ ވަރަށް އޮތް ކުނިތައް ނަގައި، މޫދުގެ ރީތި ވިލުނޫކުލަ ފެންނަވަރަށް ސާފުކޮށްފައެވެ. ޒަމްހާދު ބުނީ މޫދުން ޕްލާސްޓިކް ފުޅިއާއި، ދޯނިތަކުން ކައިފައި އުކާލާފައިވާ އެކިކަހަލަ ޕްލާސްޓިކް ޕެކެޓުތަކާއި، ކޮތަޅުފަދަ ކުންޏާއި، ބޮޑެތި ފުޅިމަދުގަނޑުފަދަ ތަކެތި ނެގިކަމަށެވެ. އަދި މަރުވެފައިވާ މަސްވެސް ބަނދަރުތެރޭގައި ހުރި ކުނިތަކު ތެރެއިން ނެގިކަމަށް މިކުދިން ބުނެއެވެ.

ކޮންމެއަކަސް ރަށުގެ ބަނދަރު ބޭނުންކުރާ ބޮޑެތި މީހުންނަށް ފަޅުތެރޭގައި ފުނިޖެހިފައިވާ ކުނި ފެނުނަސް އެއީ މާ ބޮޑު ކަމަކަށް ނުވެއޮތްއިރު، މިތަން ފެނުނު ކުޑަ ކުދިންތަކެއް އެކުދިންގެ ފަރުދީ ޒިންމާއެއްކަމަށް ދެކި އެތަންސާފުކުރަން ފެށުމުން އެތަން ފެނުނު ބައެއް ބޮޑެތި މީހުންނަށް އެކަންވީ މޮޔަ ކަމެއް ކަމަށެވެ.

ހިތްވަރު ދިނުމުގެ ބަދަލުގައި ގިނަ މީހުން ރައްދުކުރީ މަލާމާތުގެ ބަސްތަކެވެ. ބައެއްމީހުން އެއީ ކީތްކުރަން ކުރާ ކަމެއްތޯ، ކޮން ބޭނުމެއްގައި ކުރާކަމެއްތޯ ބުނެ ސުވާލު އުފެއްދިކަމަށް އެކުދިން ބުންޏެވެ. އަދި މީއީ ދެއްކުންތެރިކަމޭވެސް ބައެއްމީހުން ބުނިކަމަށް އެކުދިންވަނީ ބުނެފައެވެ.

ރަށުގެ ފަޅުތެރޭގައި ޖަމާވެފައިހުރި ކުނިތައްނަގައި އެތަން ސާފުކޮށް ބޭއްވުމަށް މިކުދިން ކުރި މަސައްކަތަށް ހިތްވަރު ދިނުމުގެ ބަދަލުގައި ބޮޑެތި މީހުންގެ ފަރާތުން އިވުނު ބަސްތަކަށް އެކުދިން ދިނީ ބީރު ކަންފަތެކެވެ. އެކަމުން ލިބުނީ އިތުރު ހިތްވަރެކެވެ. އެކުދިން މިކަން ކުރީ ހެޔޮނިޔަތެއްގައި އެކަން ކުރާހިތުންނެވެ. ކުޑަނަމަވެސް، ބޮޑު ބަދަލެއް ގެނެވިދާނެ ކަމެއްގެ ގޮތުގައި ދެކިގެންކަމަށް ޒަމްހާދާއި، އޭނާގެ ރަޙްމަތްތެރިން ބުންޏެވެ.

ކޮންމެއަކަސް އެއްބަޔަކު މިކަމާމެދު ދެކުނުގޮތް ތަފާތުވި ނަމަވެސް، މިކުދިން ކުރި މަސައްކަތުގެ ފޮޓޯތައް ސޯޝަލް މީޑިއާގައި ޝެއާ ކުރުމާއެކު އެ ކުދިންނަށް ލޯތްބާއި ތާރީފު އޮހިގެން ދިޔައެވެ. އެތައް ބަޔަކު އެކުދިންގެ މަސައްކަތަށް ހިޔްވަރުދީ ތާރީފް ކުރިއިރު، މީގެތެރޭގައި ސަރުކާރުގެ މިނިސްޓަރުންވެސް ހިމެނެއެވެ. އަދި ގިނަ ބަޔަކުވަނީ މި ޕޯސްޓްތައް ޝެއާކޮށް، މިފަދަ ކުދިންގެ ފަރާތުން ނަމޫނާ ލިބިގަންނަން ޖެހޭކަމަށްވެސް ބުނެފައެވެ.

މިއީ ކުޑަކުދިންތަކެއް ދައްކުވައިދިން ރީތި ނަމޫނާއެކެވެ. ވިސްނާލަމާތޯއެވެ. އަޅުގަނޑުމެންގެ ތެރެއިން ތަޞައްރަފުފުދިފައިވާ ބޮޑެތިމީހުން ތިމާ ދިރިއުޅޭ މާހައުލަށް ކުނިއަޅަމުންދާއިރު މިފަދަ ކުދިން ދައްކަމުން މިދާ ނަމޫނާއިން އިބްރަތް ހާސިލް ނުވޭތޯއެވެ؟