ކުޅިވަރު

ދަނޑުތަށް އަޅާނީ ރައްޔިތުން ބޭނުންވާ ގޮތަށް - މަހުލޫފް


ރަށްރަށުގައި ދަނޑުތައް އަޅާނީ ކައުންސިލާއި ރައްޔިތުން ބޭނުންވާ ގޮތަށްކަމަށް ޔޫތް މިނިސްޓަރ އަހުމަދު މަހުލޫފް ބުނެފިއެވެ. ސަރުކާރުން އަޅާ ފުޓްސެލް ދަނޑުތަކާއި ފުޓްބޯޅަ ދަނޑުތަކާއި ބެހޭގޮތުން ނޫސްވެރިންނާއި ވާހަކަދައްކަމުން މިނިސްޓަރ މަހުލޫފް ވިދާޅުވީ ކުޅިވަރާއި ބެހޭ ވުޒާރާއާއި ހަވާލްވިފަހުން 100 ރަށަށް ޒިޔާރާތް ކުރެވިއްޖެކަމަށާއި ކޮންމެ ރަށެއްގެވެސް ޝަކުވާއަކަށްވެފައިވަނީ ދަނޑުތަކާއި އިޖްތިމާޢީ ސެންޓަރުގެ ޝަކުވާތައްކަމަށެވެ. މިދިޔަ ސަރުކާރުން ފުޓްސެލް ދަނޑުތައް އަޅާފައިވަނީ އެއްވެސް ދިރާސާއެއް ނުކޮށް، އޭގެ ބޭނުން އެންމެ ރަގަނޅު ގޮތުގައި ހިފޭގޮތަށް ނޫންކަމަށްވެސް މިނިސްޓަރ މަހުލޫފް ވިދާޅުވިއެވެ. މިސަރުކާރަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީވެސް މިދިޔަ ސަރުކާރުން އަޅާފައިވާ ފުޓްސެލް ދަނޑުތަށް އަލުން މަރާމާތު ކުރުންކަމަށާއި، އަޅާފައިވާ ގިނަ ފުޓްސެލް ދަނޑުކުގެ މިން ދިމާނުވާއިރު، ބޭނުންކޮށްފައިވާ މެޓަކީވެސް އެންމެ ރަގަނޅު މެޗް ނޫންކަންވެސް ފާހަގަކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ 100އަށް ވުރެއް ގިނަ ފުޓްސެލް ދަނޑު އަޅާއިރު 20 ނުވަތަ 25 ފުޓްބޯޅަ ދަނޑުވެސް އެޅުމަށްވަނީ ހަމަޖެހިފައެވެ. މަހުލޫފު ވިދާޅުވީ ރަށްރަށަށް މިކުރެވުނު ދަތުރުގައި ކައުންސިލްއާއި ރައްޔިތުންނާއި މަޝްވަރާތައް ކުރިއަށް ގެންދެވިފައިވާކަމަށާއި މިސަރުކާރުން މީގެ ފަހުން އެއްވެސް ކޯޓެއް ނުވަތަ ދަނޑެއް އަޅާނީ އެރަށަކަށް އެންމެ ބޭނުންވާ ކަންތައްތަކަށް ބަލައިގެންކަމަށެވެ.

"މިދިޔަ ސަރުކާރުން އަޅާފައިވާ ފުޓްސެލް ދަނޑުތަށް ކޮލިޓީއަށް ބަލާއިރު ހަމަސުމެއް. މިސަރުކާރުން ބޭނުމެއް ނުވޭ ހަމައެކަނި ޓާފްއެއް ފަތުރާލާފަ ނަމެއްގައި ދަނޑެއް އަޅާކަށް. މިސަރުކާރުން ބޭނުންވަނީ މަދުވެގެން 10 އަހަރު ދަނޑުތަށް ބޭނުން ކުރުން. އެންމެ ފަހުން ޝެއިޙް ސަލްމާއާއިއެކު ބޭއްވި ބައްދަލުވުމުގައިވެސް އަޅުގަނޑު ބުނިން 100 ފުޓްސެލް ދަނޑު އަޅާނެ ވާހަކަ. މިސަރުކާރަކަށް ނޯންނާނެ ކުޑަ ރަށެއް ނުވަތަ ބޮޑު ރަށެއް. އަޅުގަނޑުމެން ބަލާނީ ކުޅިވަރަށް އޮންނާ ތާޢީދު." މިނިސްޓަރ މަހުލޫފް ބުންޏެވެ.