ޚަބަރު

ކަނޑޫދޫމިރުސް ހުސްވެ، ކަރާގެ އަގުވެސް ދަށަށް


ދަތުރުވެރިންގެ މާރުކޭޓުން ކަނޑޫދޫ މިރުސް ހުސްވެ، ކަރާގެ އަގު ވަރަށްބޮޑަށް ދަށަށް ހިނގައްޖެއެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް ބަލާއިރު، މީގެކުރިން އެކައްޗަކަށް ފެންނަން އޮނާނީ ކަނޑޫދޫ މިރުހެވެ. ނަމަވެސް މިހާރު މާރުކޭޓުގެ ގޮޅިތަކުން ކަނދޫދޫމިރުސް ވަނީ ހުސްވެފައެވެ. ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުން ތަކެތި ވިއްކާ ފަރާތްތަކުން ބުނީ، މިއަދު ނޫނީ މާދަމާގެ ވަގުތެއްގައި ކަނޑޫދޫމިރުސް ލިބޭނޭކަމަށެވެ. ކަނޑޫދޫމިރުސް ލިބުނު ނަމަވެސް ކުރިއަށްވުރެ އަގުހެޔޮވާނޭކަމަށް ތަކެތި ވިއްކާ ފަރާތްތަކުން ބުނެއެވެ.

" ކުރިން ގެނައި އަދަދަށް ކަނޑޫދޫ މިރުހެއް ދެނެއް ނުލިބޭނެ. ހޫނުގަދަވުމުގެ ސަބަބުން މިރުސް ދަނޑުތައް ހަލާކުވެ، މިރުސް ލިބުމުގައި ދަތިތަކެއް އެބައުޅޭ" ދަތުރުވެރިންގެ މާރުކޭޓު ގޮޅިއަކުން ވާހަކަދެއްކި މީހަކު ބުންޏެވެ.

ދަތުރުވެރިންގެ ގޮޅިތަކަށް ކަނޑޫދޫމިރުސް ނުލިބުމުގެ ސަބަބުން ގޮޅިތަކަށް މިހާރު ގެންނަނީ ޔުގެންޑާ މިރުހެވެ. ގޮޅިތަކުން ޔުގެންޑާ މިރުސް ވިއްކަނީ 100 ގްރާމް 10 ރުފިޔާ އާއި 15 ރުފިޔާ އަށެވެ.

ދަތުރުވެރިންގެ މާރުކޭޓުގެ މިއަދުގެ އަގުތަކަށް ބަލާއިރު، އެންމެބޮޑަށް ދަށަށްދިޔަ އެއް ބާވަތަކީ ކަރައެވެ. ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގައި މިއަދު ކަރާ ކިލޯއެއް 18 ރުފިޔާ އާއި 22 ރުފިޔާއާއި ދޭތެރޭގެ އަގުތަކެއްގައި ލިބެން އެބަހުއްޓެވެ. މާރުކޭޓުގައި ކަރާގެ އަގު ދަށްވެފައިމިވަނީ ގޮޅިތަކަށް ކަރާ ގެންނަ އަދަދު އިތުރުވަމުންދިއުމާއި، ދަނޑުވެރިންގެ އަތުން ކަރާ ގަންނަން ލިބޭ އަގުވެސް ހެޔޮވުމުންނެވެ.

ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކަންހުރި ބައެއް ތަކެތީގެ އަގުތައް

ކުރުނބާ: 15-25 ރުފިޔާ
ކިޔުކަމްބާ: ކިލޯއެއް 20 ރުފިޔާ
ބަޓާނާ: ކިލޯއެއް 35 ރުފިޔާ
ބަށި: ކިލޯއެއް 50 ރުފިޔާ
ކޮޕީފަތް: ބޮނޑިއެއް 10 ރުފިޔާ
ޓޮމާޓޯ: ކިލޯއެއް 50 ރުފިޔާ

ދަތުރުވެރިންގެ މާރުކޭޓުގައި ތަކެތި ވިއްކާ ފަރާތްތަކުން ބުނާގޮތުގައި ގޮޅިތަކުގައި ވިއްކަންހުރި ގިނަ ތަކެތީގެ އަގުތައް ހުރީ އެއްވަރެއްގައި ހިފެހެއްޓިފައެވެ. މިގޮތުން ބައެއް ތަކެތީގެ އަގުތައް ކުރިއަށްއޮތްތަނުގައި ހެޔޮވެގެންދާނޭކަމަށް އެފަރާތްތަކުން ބުނެއެވެ.