ކުޅިވަރު

އޭޝިޔާ ހޯޕްސްއިން ރިހި މެޑަލް ހޯދައި ދީމާ ވޯލްޑް ހޯޕްސްއަށް ކޮލިފައިވެއްޖެ


އޭޝިޔާ ހޯޕްސް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕުން ރިހި މެޑަލް ރާއްޖޭގެ ދީމާ އަލީ ހޯދައިފިއެވެ.

11 އަހަރުގެ ދީމާ އޭޝިޔާގެ ޖޫނިއާރ އެންމެ މަތީ ފަންތީގެ މުބާރާތުން ރިހި މެޑަލް ލިބުނީ ފައިނަލްގައި އިންޑިޔާގެ ސަޔާނީ ޕަންޓާ އަތުން ބަލިވުމުންނެވެ.

ފައިނަލް މެޗު އިންޑިޔާ ކުޅުންތެރިޔާ ކާމިޔާބުކުރީ ތިން ސެޓު އެއް ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު ދީމާ ހޯދި ނަމަވެސް ޖެހިގެން އަދި ތިން ސެޓުން ދީމާ ބަލިވީ 3-11، 8-11 އަދި 10-12އިންނެވެ.

މުބާރާތުގެ ފައިނަލުން ބަލިވިކަމުގައިވިޔަސް ރިހި މެޑައްޔާއިއެކު އޭނާވަނީ 12 އަހަރުން ދަށުގެ ކުޅުންތެރިންނަށް ދުނިޔޭގައި އޮންނަ އެންމެ ބޮޑު މުބާރާތްކަމަށްވާ ވޯލްޑް ހޯޕްސް މުބާރާތުން ފުރުސަތު ލިބިފައެވެ.

އޭޝިޔާ ހޯޕްސްގެ ފައިނަލުން ދީމާ ޖާގަ ހޯދީ ސެމީ ފައިނަލްގައި އީރާންގެ ތާރާ ސައުރީ ސީދާ ތިން ސެޓުން ބަލިކޮށްގެންނެވެ. އަދި ގްރޫޕް ސްޓޭޖުގައި ދީމާވަނީ އޭނާ ކުޅުނު 4 މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެފައެވެ. އެއީ ލެބަނަން، ތައިލޭންޑް އަދި ކަޒަކްސްތާން ގެ ކުޅުންތެރިންގެ މައްޗަށް ކުރި ހޯދައިގެންނެވެ. ގުރޫޕް ސްޓޭޖްގައި ބަލިވެފައިވަނީ އިންޑިޔާގެ ސަޔާނީ ޕަންޓާ އާއި ވަދަކޮށްގެންނެވެ.

އޭޝިޔާ ހޯޕްސްއަށް ދީމާ ކޮލިފައިވީ މިދިޔަ ޖެނުއަރީމަހު އިންޑިޔާގެ ހަރިޔާނާގައި ކުރިއަށްދިޔަ ސައުތް އޭޝިޔަން ހޯޕްސް ޗެމްޕިއަންޝިޕުގެ ރަން މެޑަލް ހޯދައިގެންނެވެ.