ވިޔަފާރި

ޖީ20 ތެރެއިން އެމެރިކާއާއި ޗައިނާގެ ރައީސް ބައްދަލުކުރައްވަނީ


ޗައިނާގެ ރައީސް ޝީ ޖިން ޕިން އާއި އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރިއަށްއޮތް ޖީ ޓުވެންޓީ ސަމިޓުގެ ތެރެއިން ބައްދަލުކުރުމުގެ ފުރުޞަތު ބޮޑުކަމަށް އެމެރިކާގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ވައިޓް ހައުސްގެ އިކޮނޮމިކް އެޑްވައިޒަރ ލެރީ ކުޑްލޯ ވިދާޅުވީ ޖޫންމަހުގެ ފަހުކޮޅު ޖަޕާނުގައި އޮންނަ ޖީ ޓުވެންޓީ ސަމިޓުގެ ތެރެއިން އެމެރިކާއާއި ޗައިނާގެ ރައީސުން ބައްދަލުކޮށް، މަޝްވަރާކުރުމުގެ ފުރުޞަތު ބޮޑުކަމަށެވެ. އަދި އެބައްދަލުވުން ކުރިއަށްދާނަމަ، މިހާރު ކުރިއަށްދާ ވިޔަފާރިއާ ގުޅޭ މަޝްވަރާތައް އެބައްދަލުވުމުގައި ކުރިއަށްދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގެ ކުރިން ޝީ އާއި ޓްރަމްޕްގެ އެއްވެސް ބައްދަލުވުމެއް ބޭއްވުމަށް ހަމަޖެހިފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސްއާއި ޗައިނާގެ ރައީސް ޖީ ޓުވެންޓީ ސަމިޓުގެ ތެރެއިން ބައްދަލުކުރުމުގެ ފުރުޞަތު ބޮޑުއިރު، ޗައިނާއާއި އެމެރިކާއާ ދެމެދު ވަނީ ވިޔަފާރީގެ ބޮޑު ހަނގުރާމައެއް ފެށިއެވެ. އެއް ޤައުމުން އަނެއް ޤައުމަށް އެތެރެކުރާ މުދަލުން ނަގާ ޓެކްސް ބޮޑުކުރަމުންދާއިރު، މިދިޔަ ހުކުރު ދުވަހު އެމެރިކާއިން ވަނީ ޗައިނާއިން އެމެރިކާއަށް އެތެރެކުރާ މުދަލުގެ ތެރެއިން ދުއިސައްތަ މިލިއަން ޑޮލަރުގެ މުދަލުން ނަގާ ޓެކްސް 10 ޕަސަންޓުން 25 ޕަސަންޓަށް އިތުރުކޮށްފައެވެ. އަދި މިއީ ޗައިނާއިން އެއްބަސްވުންތަކާ ޚިލާފުވުމުގެ ސަބަބުން އެޅި ފިޔަވަޅެއްކަމަށް އެމެރިކާ ސަރުކާރުން ބުނެއެވެ.

އެމެރިކާގެ ފިޔަވަޅުތަކާ ގުޅިގެން ޗައިނާއިންވެސް ރައްދުގައި ފިޔަވަޅުތަކެއް އަޅާނެކަމަށް ތަޖުރިބާކާރުން ލަފާކުރެއެވެ.