ޚަބަރު

ސްރީލަންކާގައި މިދިޔަ މަހު ދިން ހަމަލާއާ ގުޅިގެން އިސް ދީނީ ލީޑަރެއް ހައްޔަރުކޮށްފި


އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވި ޒަހްރާން ހާޝިމާ ގުޅުންހުރިކަމަށް ބުނެ އެ ޤައުމުގެ އިސް ދީނީ ލީޑަރެއް ސްރީލަންކާގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

މިދިޔަ މަހު ސްރީލަންކާގެ ތިން ޗަރޗަކާއި ހަތަރު ހޮޓަލަކަށް އަމާޒުކޮށްގެން ދިން ވަރުގަދަ ޓެރަރިސްޓް ހަމަލާގައި ދުއިސައްތަ ފަންސާހަށް ވުރެ ގިނަ މީހުން މަރުވެ، ފަސްސަތޭކައެއްހާ މީހުން ޒަޚަމުވިއެވެ. މަރުވި މީހުންގެ ތެރޭގައި ސާޅީސް ދެ ބިދޭސީންވެސް ހިމެނޭކަމަށް ރިޕޯޓްތައް ބުނާއިރު ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކުން ބުނެފައިވަނީ މި ހަމަލާތައް ރާވާފައިވަނީ ސްރީލަންކާއަށް ނިސްބަތްވާ ނުވަ މީހުން ކަމަށެވެ.

ސްރީލަންކާގެ ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ފަރާތުން ހައްޔަރުކޮށްފައިވަނީ އުމުރުން ފަސްދޮޅަސް އަހަރުގެ ދީނީ ލީޑަރެއްކަމަށްވާ މުހައްމަދު ޢަލިޔާރް ނަމަކަށް ކިޔާ މީހެއް ކަމަށާއި، އޭނާއަކި ސައުދީ ޢަރަބިއްޔާއިން ކިޔަވައިގެން ހުރި ދީނީ އިލްމުވެރިއެއް ކަމަށެވެ.

އޭނާއަކީ ޒަހްރާންގެ އުފަން ރަށްކަމަށްވާ ކައްޓަންކުޑީގައި ހުންނަ އިސްލާމީ މަރުކަޒުގެ ބާނީ ކަމަށާއި، މިހާތަނަށް ހޯދި ހޯދުންތަކުން ޢަލިޔާރާއި ޒަހްރާނާ ދެމެދު ގާތްގުޅުމެއް އޮތްކަން ހާމަވެފައިވާކަމަށެވެ. އަދި ދެ ފަރާތުގެ ދެމެދު މާލީ މުޢާމަލާތްތަކެއްވެސް ހިންގާފައިވާކަމަށެވެ. މީގެ އިތުރުން ހަމަލާތައް ދިން މީހުން ތަމްރީނުކުރުމުގައިވެސް އަލިޔާރް ހަރަކާތްތެރިވެފައިވާކަމުގެ މަޢުލޫމާތު ފެންމަތިވެފައިވާ ކަމަށް ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.