ވިޔަފާރި

އެމިރޭޓްސްގެ ސީސީއޯ އިސްތިއުފާދީފި


އެމިރޭޓްސް އެއަރލައިންގެ ޗީފް ކޮމާޝަލް އޮފިސަރގެ މަޤާމުގައި ހުންނެވި ތިއެރީ އެންޓިނޮރީ އެމަޤާމުން އިސްތިއުފާ ދީފިއެވެ.

ދުނިޔޭގެ އެންމެ މަޤްބޫލް އެއް އެއަރލައިންކަމަށްވާ އެމިރޭޓްސްގެ ސީސީއޯގެ މަޤާމުން އެންޓިނޮރީ އިސްތިއުފާ ދެއްވާފައިވާއިރު، އެމަޤާމުން އޭނާ އިސްތިއުފާދިނީ ކީއްވެކަމެއް އެމިރޭޓްސްއިން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އެމިރޭޓްސްގެ ސީސީއޯ މަޤާމުން އެންޓިނޮރީ އިސްތިއުފާދީފައި މިވަނީ، މިއަހަރު އެކުންފުނީގެ ފައިދާ ދަށަށް ދާނެކަމަށް ލަފާކޮށްފައި ވަނިކޮށެވެ. އެގޮތުން މިއަހަރު އެކުންފުނީގެ ސާފު ފައިދާ 69 އިންސައްތަ ދަށަށްދާނެކަމަށް އެމިރޭޓްސްއިން ލަފާކުރެއެވެ.

މަޤާމުން އިސްތިއުފާދިން އެންޓިނޮރިއަކީ އެމިރޭޓްސްގެ ސީސީއޯގެ އިތުރުން، އެކުންފުނީގެ ކޮމާޝަލް އޮޕަރޭޝަންތަކާ ޙަވާލުވެ ހުރި އެގްޒެކްޓިވް ވައިސް ޕްރެޒިޑެންޓްވެސްމެއެވެ.

2011 ވަނަ އަހަރު އެމިރޭޓްސްއާ ގުޅުނު އެންޓިނޮރީ އެމިރޭޓްސްގެ ސީސީއޯގެ ހައިސިއްޔަތުން އެންމެފަހުން މީޑިއާއާ ބައްދަލުކޮށްފައިވަނީ އޭޕްރީލް 24 ވަނަ ދުވަހުއެވެ. 2016 ވަނަ އަހަރު އެއަރ ފްރާންސްގެ ސީއީއޯގެ މަޤާމު އެންޓިނޮރީއަށް ހުށަހެޅުނު ނަމަވެސް އެފަހަރު އޭނާ ވަނީ އެކަމަށް ނޫނެކޭ ބުނެ، އެމިރޭޓްސްގައި މަޑުކޮށްފައެވެ.

އެންޓިނޮރީ އިސްތިއުފާދިނުމާ ގުޅިގެން އެމިރޭޓްސްގެ ސީނިއާ ވައިސް ޕްރެސިޑެންޓް އަދުނާން ކާޒިމް ވަނީ އެމިރޭޓްސްގެ އެކްޓިންގ ސީސީއޯގެ މަޤާމަށް އައްޔަންކޮށްފައެވެ.