ޚަބަރު

އެމެރިކާއިން ވަނީ މެދު އިރުމަތީގައި ފިކުރީ ހަނގުރާމައެއް ފަށާފައިކަމަށް އީރާނުން ބުނެފި


އެމެރިކާއިން ވަނީ މެދު އިރުމަތީގައި ފިކުރީ ހަނގުރާމައެއް ފަށާފައިކަމަށް އީރާނުގެ އަސްކަރިއްޔާގެ ވަރުގަދަ ގޮތްޕެއްކަމަށްވާ ރެވެލޫޝަނަރީ ގާޑުގެ އިސްވެރިޔާ ވިދާޅުވެއްޖެއެވެ.

އީރާނުގެ ރެވެލޫޝަނަރީ ގާޑުންގެ އިސްވެރިޔާ މޭޖަރ ޖެނެރަލް ހުސައިން ސަލާމީ މިހެން ވިދާޅުވެފައިވަނީ އީރާނުގެ ފަރާތުން އެމެރިކާއަށް އޮތް ނުރައްކާތައް އިތުރުވެފައިވާކަމަށް ބުނެ، އެމެރިކާއިން ގަލްފުގެ ސަރަހައްދަށް ހަނގުރާމަމަތީ މަނަވަރާއި މަތިންދާބޯޓުތައް ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ.

އީރާނުގެ ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަދައްކަވަމުން މޭޖަރ ޖެނެރަލް ސަލާމީ ވިދާޅުވީ، އެމެރިކާއިން އެސަރަހައްދަށް ފޮނުވާފައިވާ އަސްކަރީ މަނަވަރުތަކާއި ހަނގުރާމަމަތީ ހަތިޔާރު ފޮނުވުމަކީ އެ ޤައުމުން ޢާއްމުކޮށްވެސް ކުރާ ކަމެއްކަމަށާއި، އެހެންނަމަވެސް މިހާރު އީރާނުގެ ފަރާތުން އެމެރިކާއަށް ނުރައްކާތަކެއް ހުރިކަމަށް ބުނެ އެމެރިކާއިން ދައްކަމުންދާ ވާހަކަތަކުން ދޭހަވަނީ، އެމެރިކާއިން ގަލްފުގެ ސަރަހައްދުގައި ފިކުރީ ހަނގުރާމައެއް ކުރަންފަށާފައިވާކަން ކަމަށެވެ.

ހޮނިހިރު ދުވަހު އީރާނުގެ ރައީސް ޙަސަން ރޫހާނީ ވަނީ 1980ގެ އަހަރުތަކުގައި އީރާނުން އިރާޤާއެކު ކުރި ހަނގުރާމަތަކުގައި އެ ޤައުމަށް ކުރިމަތި ނުވާ ފަދަ ދަތި އުނދަގޫ ދުވަސްތަކެއް ކައިރި މުސްތަޤްބަލްގައި އީރާނަށް ކުރިމަތިވެދާނޭކަމަށާއި، މިކަމާ ކުރިމަތިލުމުގެ ގޮތުން އީރާނުގެ ހުރިހާ ސިޔާސީ ޕާޓީތައް އެކަތިކަނޑަކަށްވުމަށް ގޮވާލައްވާފައެވެ.

އީރާނުގެ ރައީސް ހަސަން ރޫހާނީ ވިދާޅުވީ، އީރާނަށް މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި، 1980 އިން 1988ގައި ކުރި ހަނގުރާމަތަކުގައި ކުރިމަތިވި ގޮންޖެހުންތަކާ އަޅާބަލާއިރު އެކަން ރަނގަޅުކަން ނުވަތަ ނޫންކަންވެސް ބަޔާންކުރައްވަން ދަތިކަމަށެވެ. އެހެންނަމަވެސް އޭރު ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވަނީ ހަމައެކަނި އީރާނުން ހަތިޔާރު ގަތުމާ ދެކޮޅަށް ކަމަށާއި، މިހާރު އެ ޤައުމުގެ ބޭންކުތަކާއި ތެލުގެ ވިޔަފާރީގެ އިތުރުން އެކްސްޕޯޓްކުރާ މުދަލާއި، އިމްޕޯޓްކުރާ މުދަލާ ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާކަމަށް ރޫހާނީ ވިދާޅުވިއެވެ.