ސިޔާސީ

ޕާޓީގެ ދަރަނިތައް ވީހާވެސް އަވަހަށް ޚަލާސްކުރާނަން- ޕީޕީއެމް


މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުން އިދިކޮޅު ޕީޕީއެމަށް ދޭންޖެހޭ ފައިސާ މިހާރު ދޫކޮށްފައިވާތީ އެޕާޓީގެ ދަރަނިތައް ވީހާވެސް އަވަހަށް ޚަލާސްކުރާނެކަމަށް އެޕާޓިން ބުނެފިއެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބަށް ޕީޕީއެމުން ކުރި ދަތުރުތަކަށާއި، އެނޫންވެސް ޚަރަދުތައް ބޮޑުވެ ޕީޕީއެމް ދަރަނިވެރިވެފައިވާއިރު އެޕާޓިން ބުނެފައިވަނީ ދަރަނިތައް ޚަލާސްކުރެވޭނީ ދައުލަތުން ހިފެހެއްޓި ފައިސާ އެޕާޓީއަށް ލިބުމުންކަމަށެވެ. ދައުލަތުން ވަނީ އޭޕްރީލް މަހުގެ މުސާރަ މުވައްޒަފުންނަށް ދިނުމަށްފަހު އިދިކޮޅު ޕީޕީއެމްއަށް ދޫކުރަންޖެހޭ ފައިސާ ދޫކުރާނެ ކަމަށް ބުނެފައެވެ. އަދި ދައުލަތުން އެޕާޓީއަށް ދޭންޖެހޭ އަށާރަ މިލިއަން ރުފިޔާގެ ތެރެއިން ހިފަހައްޓާފައިވާ އަށް މިލިއަން ރުފިޔާ އެޕާޓީއަށް ދޫކޮށްފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ.

ޕީޕީއެމުން ބުނީ މިހާރު އެޕާޓީގެ ދަރަނި ޚަލާސްކުރުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ޕީޕީއެމްގެ ނާއިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް ވިދާޅުވީ، ދައުލަތުން އެޕާޓީއަށް ދޫކުރަންޖެހޭ ފައިސާ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ދޫކޮށްފައިނުވާތީ އެ ޕާޓީން ދައްކަންޖެހޭ ދަރަނިތަކެއް ނުދެއްކި ޕާޓީ ދަރަނިވެރިވެފައިވާކަމަށެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ވަނީ ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ކަނޑައަޅާ ފައިސާ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ދޭންޖެހޭނެ ކަމަށް ބުނެފައެވެ. ނަމަވެސް ޕީޕީއެމްގެ ފައިސާ ދޫނުކޮށް ހިފެހެއްޓީ ޕީޕީއެމްއާ ގުޅޭ މައްސަލަތަކެއް ކޯޓުގައި ނުނިމި ހުރުމުންކަމަށް އީސީން ކުރިން ވަނީ ވިދާޅުވެފައެވެ.

އެ ފައިސާ ދޫނުކޮށްގެން ޕީޕީއެމް އިން ވަނީ ސިވިލް ކޯޓަށް މައްސަލައެއްވެސް ހުށަހަޅާފައެވެ. ފައިސާ ދޫނުކުރުމުގެ ސަބަބުން އެ ޕާޓީގެ ހިންގުމަށްވެސް ދަތިތަކެއް ކުރިމަތިވިކަމަށް ޕީޕީއެމުން ބުނެއެވެ.