ޚަބަރު

ސިވިލް ސަރވިސްގެ ކަންކަން ހަރުދަނާ ކުރުމާ ގުޅޭގޮތުން ބަންގްލަދޭޝްގެ ޕަބްލިކް ސަރވިސް ކޮމިޝަނާއެކު މަޝްވަރާކޮށްފި


ސިވިލް ސަރވިސްގެ ކަންކަން ހަރުދަނާ ކުރުމާ ގުޅޭގޮތުން ބަންގްލަދޭޝްގެ ޕަބްލިކް ސަރވިސް ކޮމިޝަންގެ މެންބަރުންނާއި ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ކުރިއަށްގެންގޮސްފައިވަނީ މިހާރު ރާއްޖެ ވަޑައިގެން އުޅުއްވާ، ބަންގްލަދޭޝްގެ ޕަބްލިކް ސަރވިސް ކޮމިޝަންގެ ވަފުދުގެ ބޭފުޅުންނާއެކު ސިވިލްސަރވިސް ކޮމިޝަނުގެ މެންބަރުން ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ބަންގްލަދޭޝްގެ ޕަބްލިކް ސަރވިސް ކޮމިޝަންގެ ވަފުދެއް ރާއްޖެ ވަޑައިގެން އުޅުއްވަނީ ސިވިލް ސަރވިސްގެ ދާއިރާއާ ގުޅޭ ކަންކަމުގައި ދެޤައުމުގެ ތަޖުރިބާ ހިއްސާކުރުމަށެވެ. މި ވަފުދުގައި އިސްކޮށް ހުންނެވީ ބަންގްލަދޭޝް ޕަބްލިކް ސަރވިސް ކޮމިޝަންގެ މެންބަރު އެމްޑީ.މުޚްލިސޫރް ރަހްމާނެވެ.

މި ވަފްދުން މިއަދުވަނީ ރާއްޖޭގެ ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ.އަލީ ޝަމީމްއާއި، ކޮމިޝަންގެ މެންބަރުންނާއި ބައްދަލު ކުރައްވާފައެވެ. ސިވިލް ސަރވިސް ކޮމިޝަންގައި މިއަދު ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައިވަނީ ވަޒީފާ އަދާކުރާ މީހުންގެ ޙައްޤުތަކާއި، ވަޒީފާއަށް މީޙުން ނެގުމުގައި ބަލަންޖެހޭ ކަންކަމާއި، އެކަށީގެންވާ ވަޒީފާގެ މާޙަޢުލެއް ހޯދައިދިނުމަށް، ދެ ޤައުމުން ގެންގުޅޭ އުސޫލުތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާކޮށްފައެވެ.

މީގެ އިތުރުން ސިވިލް ސަރވިސް ކޮމިޝަނާއި ބަންގަލޭޝްގެ ވަފުދާއެކު ބާއްވާ ބައްދަލުވުންތަކުގައި ދާއިރާ އިތުރަށް ހަރުދަނާކޮށް، މި ދާއިރާއިން ރާއްޖެއަށް ހޯދިދާނެ ކާމިޔާބީ ތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ކޮމިޝަންގެ ކަންކަން ރާވާއި ބެލެހެއްޓޭގޮތާއި މިދާއިރާގައި ހޯދިފައިވާ އީޖާދީކަންކަމާއި ކާމިޔާބީތައް ހިއްސާކުރެއްވުމަށް ކޮމިޝަނުގައާއި ސިވިލް ސަރވިސް ޓްރެއިނިންގް އިންސްޓިޓިއުޓްގައި ބައްދަލުވުންތަކެއް ބާއްވައި މަޝްވަރާކުރުމަށްވެސް ރޭވިފައިވާކަމަށް ސިވިލްސަރވިސް ކޮމިޝަނުން މަޢުލޫމާތުދެއްވައެވެ.

ބަންގްލަދޭޝްގެ ޕަބްލިކް ސަރވިސް ކޮމިޝަންގެ މެންބަރުން ހިމެނޭ މި ވަފްދުން ރާއްޖެއަށް ކުރައްވަމުންގެންދަވާ 4 ދުވަހުގެ މި ދަތުރުގައި މިނިސްޓްރީ އޮފް އެންވާރަމަންޓާއި މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖަށް ޒިޔާރަތް ކުރައްވައި، ސިވިލް ސަރވިސް މުއައްޒަފުންގެ ކަންކަން ރާވާ ހިންގާ ގޮތް ބަލައި، މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ.