ޚަބަރު

ކޮރަޕްޝަން އަމަލެއް ނުހިންގަން - ރިއްފަތު


ކޮރަޕްޝަން އަމަލުތަކުން ރައްޔިތުން ހަޒާނާ ރައްކާތެރިކުރައްވާނެކަމަށާއި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ހިންގަވާފައި ނުވާނެކަމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު ވިދާޅުވެއްޖެއެވެ.

ދާދީ ފަހުން ކޯޓުތަކުން ނިންމި ބައެއް މައްސަލަތަކުގައި ދައުލަތުން ބޮޑެތި ބަދަލުތަކެއް ދޭން ޖެހުމުން ބައެއް ފަރާތަކުން އަންނަނީ އެޖީ ރިއްފަތުގެ މައްޗަށް ކޮރަޕްޝަން ތުހުމަތުތައް ކުރަމުންނެވެ. ދީބާޖާ ކުންފުންޏާއި އެކު އެކުލަވާލި އެއްބަސްވުން އުވާލުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓުން ބޭރުގައި މައްސަލަ ހައްލުކުރުމަށް އެޓާނީ ޖެނަރަލް އިބްރާހިމް ރިއްފަތު ރިޝްވަތު ނަގަންވަން މަސައްކަތްކުރެވި ކަމަށް ކުރާ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގުކުރައްވާފައެވެ.

ކުރެވޭ ތުހުމަތުތަކަށް ރައްދު ދެއްވާ ބަންޑާރަ ނާއިބު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ކެރިޔަރުގައި ނާޖައިޒު ގޮތުގައި މުއްސަނދިވާން ނުވަތަ ކޮރަޕްޝަން ޑީލްތަކުން ފައިދާއެއް ހޯދަން ދުވަހަކުވެސް މަސައްކަތް ކުރައްވާފައި ނުވާނެކަމަށެވެ. އަދި ވަޒީރުކަން ލިބުމުގެ ކުރިން ކުރައްވަމުން އައި ޤާނޫނީ ވަކީލުކަން ހުއްޓަަވާލެއްވީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމަށްކަމަށާއި ހަވާލެވެފައިވާ މަސްއޫލިއްޔަތުތައް ތެދުވެރިކަމާއި އެކު އަބަދުވެސް އަދާކުރައްވާނެކަމަށްވެސް ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ. އަދި އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަން ތުހުމަތުތަކަކީ އެއްވެސް އަސްލެއް ނެތް ދޮގު ތުހުމަތުތަކެއްކަމަށާއި ދައުލަތުގެ ހަޒާނާ ކޮރަޕްޝަނުން ރައްކާތެރި ކުރައްވާނެކަމަށްވެސް ރިއްފަތު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވެއެވެ.

ދިބާޖާ މައްސަލާ ކޯޓުން ބޭރުން ހައްލުކުރަން ކޮރަޕްޝަންގެ އަމަލުތަކެއް ހިންގެވުމަށް ރިއްފަތު މަސައްކަތްކުރެއްވި ކަމަށް ބުނެ އެންމެ ބޮޑަށް ފާޑުވިދާޅުވީ އަލްހާން ފަހުމީއެވެ. މިދިޔަ ބުރާސްފަތު ދުވަހު އަލްހާން ކުރެއްވި ޓްވީޓެއްގައި ވަނީ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތާއި ރައިސް އޮފީހުގެ ލީގަލް ޑިރެކްޓަރ އަހްމަދު އަބްދުﷲ އަފީފު ދީބާޖާއިން 2 މިލިއަން ޑޮލަރުގެ ރިޝްވަތެއް ހޯއްދަވަން މަސައްކަތްކުރައްވާކަމަށް ތުހުމަތުކޮށްފައެވެ.

ދީބާޖާއަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އުތުރު ޕްރޮވިންސަށް ފެރީގެ ހިދުމަތް ދިނުމަށް އެއްބަސްވުންތަކެއް އެކުލަވާލި ކުންފުންޏެކެވެ. އެހެންނަމަވެސް ރައީސް ވަހީދުގެ ވެރިކަމުގައި އެ އެއްބަސް އުވާލުމުން އޭގެ ބަދަލެއްގެ ގޮތުގައި 2.4 ބިލިއަން ރުފިޔާ ހޯދުމަށް ސިވިލްކޯޓުގައި ދައުވާކުރިއެވެ.

ސިވިލްކޯޓުން ވަނީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 348 މިލިއަން ދީބާޖާއަށް ދިނުމަށް ދައުލަތުގެ މައްޗަށް ހުކުމްކޮށްފައެވެ. އެހެންނަމަވެސް މި ހުކުމް ހައިކޯޓުން ބާތިލުކޮށްފައިވަނިކޮށް ސިވިލްކޯޓްގެ ހުކުމަށް ސުޕްރީމްކޯޓުން ވަނީ ދާދީ ފަހުން ތާއީދުކޮށްފައެވެ.

ދީބާޖާއަށް ލިބޭ މި ފައިސާގެ ތެރެއިން 174 މިލިއަން ރުފިޔާ އަލްހާން ފަހުމީގެ އަމިއްލަ ލޯ ފާމަކަށް ދޭންޖެހޭކަމަށް ބުނާ ލިޔުންތަކެއް ދާދީ ފަހުން ވަނީ ޝޯޝަލް މީޑީއާ ގައި އާއްމުވެފައެވެ.

ދީބާޖާ މައްސަލަ އަލުން މުރާޖާ ކުރަންޖކެހޭކަމަށް ޤާނޫނީ ފަރާތަކުން އަންނަނީ ބުނަމުންނެވެ. އަދި އެ މައްސަލަ އަލުން މުރާޖާކޮށްދެއްވުމަށް ސުޕްރީމްކޯޓަށް ހުށައަޅުއްވާނެކަމަށްވެސް ދައުލަތުގެ ބަންޑާރަ ނައިބު އިބްރާހިމް ރިއްފަތު ވަނީ ވިދާޅުވެފައެވެ.