ޚަބަރު

ހިރިގަލު ވަޑާމަށް ޚާއްސަ ކޯހެއް ފަށަނީ


ޒުވާނުންނަށް ޚާސަކޮށްގެން ހިރިގަލު ވަޑަން ދަސްކޮށްދޭ ކޯހެއްގައި ބައިވެރިވުމަށް ހުޅުވާލައިފިއެވެ.
މިއީ މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖާއި، ގަދީމީ ކަލެކްޝަން އަދި މަޓީ ގުޅިގެން ހިންގުމަށް ހަމަޖެހިފައިވާ ކޯހެކެވެ.

ކޯސް ހިންގުމަށް ނިންމާފައިވަނީ ދިވެހިންގެ ތެރެއިން ނެތެމުންދާ އާދަތައް ދިރުވައި، ދިވެހިން އިހުގައި ކޮށް އުޅުނު އަތްތެރި މަސައްކަތްތައް ދިރުވައި އާލަ ކުރުމުގެ މަޤްސަދުގައެވެ. އަދި އެ މަސައްކަތްތަކުން އާމްދަނީ ލިބޭނެ ގޮތްތައް ފަހިކޮށްދިނުންވެސް ހިމެނެއެވެ.

ހިރިގަލު ކޯހުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މުޅިން ހިލެއެވެ. ޖޫންމަހުގެ 10 އަކުން ފެށިގެން ދެ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ މި ކޯހުގައި ބައިވެރި ވެވޭނީ 18 އަހަރާއި 30 އަހަރާއި ދެމެދުގެ ޒުވާނުންނަށެވެ. ކޯހުން ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 10 މީހަކަށެވެ. މި ކޯހުގައި އާޓްސް ނުވަތަ އަތްތެރި މަސައްކަތުގެ ތަޖުރިބާ ނެތް މީހުންނަށްވެސް ބައިވެރިވެވޭނެކަމަށް ކޯސް އިންތިޒާމް ކުރާ ފަރާތުން ބުނެއެވެ. އަދި މި ކޯހުގައި ވިޔަފާރީގެ ގޮތުގައި ހިރިގަލު ވަޑާމުގެ މަސައްކަތް ކުރެވޭނި ގޮތްތައްވެސް ކިޔައިދޭނެއެވެ.

ހިރިގަލު ވަޑާމަކީ ދިވެހިންގެ ތެރެއިން މިހާރު ވަރަށް މަދުން ނޫނީ ނުފެންނަ މަސައްކަތެކެވެ. މިފަދަ ކޯހެއް ހިންގުމުގެ ބޭނުމަކީ މިފަދަ މަސައްކަތްތައް ދިވެހިންގެ ތެރެއިން ފުހެވިގެން ދިޔަ ނުދިނުމެވެ.