ޚަބަރު

ކުރެހުންތެރިންގެ ޝަކުވާތައް އަޑުއިވިއްޖެ - ޔުމްނާ


ވަންނާނެ ތަނެއް ނެތް ބައެއް ކަމަށް ބުނެ ރާއްޖޭގެ ކުރެހުންތެރިން އެމީހުން ޝަކުވާތަޢް ތަފާތުގޮތަކަށް ސަރުކާރާއި އާއްމުންގެ ސަމާލުކަމަށް ގެނެސްފިއެވެ.

އާޓް ގެލަރީ ކުރިމަތީގައި ގައިގައި ޝަކުވާތައް ލިޔެގެން ހުރެ އާޓިސްޓުންވަނީ އެމީހުންގެ ހުރި ހުރާހާ ޝަކުވާތަކެއް ބަންޑުން ޖަހާލާފައެވެ. ވަންނާނެ ތަނެއް އަޅާލާނެ ބަޔަކު ނެތްކަން ދައްކުވާދޭ ގޮތަށް މުޅި ގައިގައި ހުދުކުލައިން އެކި ޝަކުވާތައް ލިޔެގެން ހުރި މިހާ އާޓް ގެލަރީ ކުރިމަތީ ހުއްޓިލައިގެން ހުރީ ދަޅަކާއި ގޯންޏެއްވެސް ކައިރީގައި ބަހައްޓާލައިގެންނެވެ.

އާޓް ގެލަރީ ކުރިމަތީގައި ހުރި މީހާގެ ގައިގައި ލިޔެފައިވާ ޝަކުވާތަކުގެ ތެރޭގައި ކަމެއް ބޭނުންވުމުން އާޓިސްޓުން ފެންނަކަމަށާއި އެކަން ނިމުމުން އެއްލާލަނީކަމަށްވެސް ބުނެފައިވެއެވެ. އަދި ބަޖެޓެއް ނެތްކަމަށާއި އެމީހުންގެ ޝަކުވާތައް އަޑު އިވޭތޯ އަހާ ސުވާލު އުފައްފާފައިވެއެވެ.

އާޓިސްޓުންގެ ޝަކުވާތަކާއި އެކު ފެންނަ ހުރި މީހާގެ ފޮޓޯތަކާއި އެކު ފައިން އާޓްސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާޓިސްޓުންނާއި މެދު އިހްތިރާމާއި އެކު ކަންތައް ނުކުރާއިރު އާޓް ގެލަރީ ކުއްޔަށް ދިނުމަކީ އާޓިސްޓުން ކުރި އަރަން އޮތް ފުރުސަތު ހަނިކުރުންކަމަށެވެ. އަދި އާޓް ގެލަރީ އާޓިސްޓުންނަށް ބޭނުންނުކުރެވޭއިރު އެތަން އާޓިސްޓުންނަށް ދިނުމުގެ ބަދަލުގައި އެކި ކަންކަމަށް ކުއްޔަށް ދޫކުރާތީ އެކަމުގެ ކަންބޮޑުވުންވެސް ފައިން އާޓްސްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫނާއި އެ މިނިސްޓްރީގެ ބައެއް އެހެން ބޭފުޅުން ޓެގްކޮށް ފައިން އާޓުސްއިން ވަނީ އެމީހުންގެ ޝަކުވާތައް ހުށައެޅި ގޮތުގެ ފޮޓޯތައް ޓްވީޓްކޮށްފައެވެ.

އެޓްވީޓަށް ޖަވާބު ދެއްވަމުން މިނިސްޓަރ އޮފް އާޓްސް ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫން ވިދާޅުވީ އާޓިސްޓުންގެ ޝަކުވާތައް އަޑުއިވިވަޑައިގެންފިކަމަށެވެ. އަދި އާޓްގެލަރީ އާއި މެދު އުފެދިފައިވާ ކަންބޮޑުވުންތައް ހައްލުކުރުމަށް މަސައްކަތް ކުރަމުން ގެންދަވާކަމަށް މިނިސްޓަރ ޔުމްނާ ވަނީ ވިދާޅުވެފައެވެ.