ޚަބަރު

ޚާއްސަ ޒޯންތަކުގައި 4 ފުރޮޅުލީ އުޅަނދުތަކަށް ޕާކް ކުރެވޭނީ ފައިސާ ދައްކައިގެން


މާލެ ސިޓީ މަގުތައް ތޮއްޖެހުން ކުޑަކުރުމަށްޓަކައި ސިޓީ ކައުންސިލުން ގެންދަނީ، ޕާކު ކުރެވޭނެ ޚާއްސަ ސަރަޙައްދުތަކެއް ހަދަމުންނެވެ. އެތަންތަނުގައި ޕާކްކުރާ ސައިކަލާއި ހަތަރު ފުރޮޅުލީ އުޅަނދުތަކުން ފީއެއް ނެގުމަށް ނިންމާފައިވާއިރު، އެކަމާއި ގުޅޭ އުސޫލު ފެށޭ ހަފްތާގައި އާއްމުކުރާނޭކަމަށް މާލެ ސިޓީ ކައުންސިލުން ހާމަކުރެއެވެ.

މާލެއަކީ ރާއްޖޭގެ އެންމެ އާބާދީ ބޮޑު، އަދި އެންމެ ތޮއްޖެހުން ބޮޑު ސިޓީއެވެ. މާލޭގެ އާބާދީ ލައްކައަކަށްވުރެ އިތުރުވެފައިވާއިރު، މާލޭގެ މަގުތައް ތޮއްޖެހުމުގެ އަސްލަކީ މަގުތަކުގައި ދުއްވާ ވެހިކަލްތައް ދުވަހެއް ދުވަހަކަށް އިތުރުވުމެވެ. މާލެ ސިޓީގެ މަގުތަކަށް ބަލާލާއިރު، މަގުތަކުގެ ދެ ފަޅި އެންމެ ބޮޑަށް ފުރާލާފައިވަނީ ސައިކަލްތަކާއި ކާރުތަކުންނެވެ.

ހަތަރު ފުރޮޅުލީ އުޅަނދުތައް، ރަޖިސްޓްރީ ކުރެވެނީ އެ އުޅަނދަކަށް ގަރާޖެއް އޮވެގެންނެވެ. މާލޭ މަގުތަކަށް ބަލާލުމުން އެ އުސޫލަށް އަމަލު ކުރެވެމުން ނުދާކަން ކިތަންމެހާވެސް ރަނގަޅަކަށް އެނގެއެވެ. މާލޭގެ މަގެއްގައި ހުސްތަންކޮޅެއް އޮވެއްޖެނަމަ ފެންނާނީ ކޮންމެވެސް ވެހިކަލެއް ޕާކުކޮށްފައި އޮންނަތަނެވެ. މާލޭ މަގުތަކުގައި ދުއްވާ އުޅަނދުތައް ގިނަވެ، މަގުތައް ތޮއްޖެހިފައިވާއިރު، އުޅަނދުތައް ޕާކްކުރުމުގެ މައްސަލައަށް ހައްލެއް ގެނައުމަކީ ކުރިމަތިވެފައިވާ ބޮޑު ގޮންޖެހުމެކެވެ.

މާލެ ސީޓީ ކައުންސިލުން ދަނީ، ޕާކިންގ މައްސަލައަށް ޙައްލެއް ގެނައުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. ޚާއްސަކޮށް ރަމަޟާން މަހާއި ދިމާކޮށް ސިޓީ ކައުންސިލުންވަނީ، މަގުމަތީގައި ގިނަދުވަސް ވަންދެން ޕާކުކޮށްފައި ހުރި ވެހިކަލްތައް ނަގައި ހުސްކޮށްހުރި ސަރުކާރުގެ ހުރި ބިންތަކާއި، އެކި ސަރަހައްދުތަކުގައި ޕާކްކުރެވޭނެ ގޮތް ހަދަމުންނެވެ.

އެގޮތުން ސައިކަލު ޕާކުކުރުމަށް ގިނަ ތަންތަން ހަދައި މިހާރުވެސް އެތަންތަން ދަނީ ބޭނުންކުރަމުންނެވެ. މިހާހިސާބަށް އާއިރުވެސް ހަތަރުފުރޮޅުލީ އުޅަނދުތައް ޕާކުކުރުމަށް ދިމާވެފައިވާ މައްސަލައަށް ޙައްލެއް ނެތެވެ. މާލޭގެ ހަނި މަގުތަކުގައި އުޅަނދުތައް ދުއްވަން ދަތިވެފައިވާއިރު، މަގުތައް ތޮއްޖެހުމަށް ދިމާވާ މައިގަނޑު ސަބަބަކީ، މަގުތަކުގައި ނުގަވައިދުން ޕާކްކުރާތީކަމަށް ކަމާއިބެހޭ ފަރާތްތަކުން ފާހަގަކުރެއެވެ.

ސިޓީ ކައުންސިލުން ދަނީ މާލޭގެ 2 ތަނެއްގައި 4 ފުރޮޅުލީ އުޅަނދަށް ޚާއްސަކޮށް، ޕާކު ކުރެވޭނެ ޖާގަ ހެދުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސުޕްރީމް ކޯޓް ކުރިމަތިން އޮންނަ ސަރުކާރުގެ ބިމެއްގައިވަނީ 4 ފުރޮޅުލީ އުޅަނދަށް ޚާއްސަ ޕާކިންގ އޭރިއާއެއް ހެދުމުގެ މަސައްކަތް ފަށާފައެވެ. މިތަން ހެދުމުން ހަތަރު ފުރޮޅުލީ ސަތޭކައަށްވުރެ ގިނަ އުޅަނދަށް ޕާކް ކުރެވޭނޭކަމަށް ސިޓީކައުންސިލުން ބުނެއެވެ.

މި ޒޯންތަން ތަރައްޤީކުރަނީ އެތަންތަނަށް ޕާކްކުރާ އުޅަނދުތަކުން ފީއެއް ނަގާގޮތަށެވެ. ސުޕްރީމް ކޯޓް ކުރިމަތީ އޮންނަ ޕާކިންގ ޒޯން މި ފެށޭ ހަފްތާގައި ބޭނުންކުރުމަށް ހުޅުވާލުމަށް ސިޓީ ކައުންސިލުން ތައްޔާރުވަމުން އަންނައިރު، ފައިސާ ނަގާނެ ގޮތުގެ އުސޫލު އަންނަ ހަފްތާގައި އިޢުލާނު ކުރާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މީގެ އިތުރުން ފިނޭންސް މިނިސްޓްރީ ކުރިމަތިން އޮންނަ ބިމުގައި ހަދާފައިވާ ޕާކިންގ ޒޯނުގައިވެސް އެއުސޫލުން ހަތަރު ފުރޮޅުލީ އުޅަނދުތަކަށް ޕާކްކުރެވޭނޭކަމަށް ސިޓީކައުންސިލުން ބުނެއެވެ. މި ޕާކިންގ ޒޯންތަކުގައި ޕާކު ކުރާ ސައިކަލް އަދި ބައިސްކަލްތަކުން ފީ ނުނަގާނޭކަމަށްވެސް ސިޓީކައުންސިލުން ބުނެއެވެ.

ސިޓީކައުންސިލުން ވަނީ ދިރާގު ހުރި ބިމުގައިވެސް ވަގުތީ ޕާކިންގ އޭރިއާއެއް ހެދުމުގެ މަސައްކަތް ފަށާފައެވެ. މި ބިމަކީ ކަޅުވަކަރު މިސްކިތް ރޭވުމަށް ހުސްކުރި ބިމެއް ނަމަވެސް، ޕާކިންގ ހަދާނީ މިސްކިތް އަޅާ ސަރަހައްދާއި ވަކިންނެވެ.
މި ބިމުގައި ހަދާ ޕާކިންގ ޒޯނާއި، އަދި ފުރުޤާން މިސްކިތަށްދާ މީހުންނަށް ފަސޭހަ ކުރުމަށް އެ ސަރަޙައްދުގައި ހަދާ ޕާކިންގްޒޯނު މިއަދު އާއްމުނަށް ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގައި ދުއްވާ އުޅަނދުތައް އިތުރުވެ، މަގުތައް ތޮއްޖެހުމުގެ މައްސަލަ ޙައްލުކުރުމަށް، މާލެ އެތެރެކުރާ އުޅަނދުތައް ލިމިޓްކުރުމަށް މީގެކުރިން ސިޓީ ކައުންސިލުންވަނީ ޓްރާންސްޕޯޓް މިނިސްޓްރީއަށްވެސް ހުށައަޅާފައެވެ.