ހެލްތު މިނިސްޓްރީގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމާ ގުޅޭގޮތުން މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ އަމީން އާއި މިނިސްޓަރ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މަލީހު ޖަމާލް މަޝްވަރާ ކުރައްވައިފިއެވެ.
މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ ޢަލީ ސާލިހް ވިދާޅުވީ މި މަޝްވަރާގައި ހެލްތް މިނިސްޓްރީގެ މިހާރުގެ ހާލަތު ދެނެގަނެ ކޮމިއުނިކޭޝަން މިނިސްޓްރީގެ ޓެކްނިކަލް ޓީމާއި ހިއްސާ ކޮށްފައިވާކަމަށެވެ. އަދި މި ބައްދަލުވުމުގައި ހެލްތް މިނިސްޓްރީ ޑިޖިޓަލައިޒް ކުރުމާ ގުޅޭ ހުރިހާ މަސައްކަތެއް ތަރުތީބުވެސް ކުރެވިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ސްޓޭޓް މިނިސްޓަރ ވިދާޅުވީ މި މަސައްކަތަކީ އާންމުންނަށް ހުރިހާ ގޮތަކުން ފަސޭހަވެގެންދާނެ ކަމެއްކަމަށެވެ. އެގޮތުން މިނިސްޓްރީގެ ޚިދުމަތްތައް ޑިޖިޓަލް ކުރެވުމުން ޚިދުމަތް ހޯދާ ފަރާތްތަކަށް ފޯމު ހިފައިގެން މިނިސްޓްރީއަށް ދިއުމގެ ބަދަލުގައި އޮންލައިންކޮށް ފޯމް ހުށަހެޅުންފަދަ ކަންކަން ކުރެވޭނެ މަގު ފަހިވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.
ދާދި ފަހުން ރާއްޖޭގެ ސިއްޙީ ނިޒާމު އެއް ވިއުގައަކުން ގުޅާލުމުގެ ޢަމަލީ މަސައްކަތް ސަރުކާރުންވަނީ ފައްޓަވާފައެވެ. މި މަސައްކަތުގެ ދަށުން ގަވަރމެންޓް އީލެޓަރ މެނޭޖްމެންޓް ސިސްޓަމް (ޖެމްސް) މެދުވެރިކޮށް ހޮސްޕިޓަލު ހިންގުމުގެ މަޢުލޫމާތު ދުވަހުން ދުވަހަށް ރައްކާކޮށް ބެލެހެއްޓުމާއި، އިދާރީ ގޮތުން ހޮސްޕިޓަލްގެ މަސައްކަތްތައް ބެލެހެއްޓޭނެކަމަށް ހެލްތް މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. އަދި އާސަންދައިގެ ވިނަވި ޕޯޓަލް މެދުވެރިކޮށް ބަލިމީހުންގެ މައުލޫމާތު ރައްކާތެރިކޮށް ބެލެހެއްޓުމުގެ އިންތިޒާމް ހަމަޖެހިގެންދާއިރު، މި ޕޯޓަލް މެދުވެރިކޮށް ބަލިމީހުންގެ ސިއްޙީ ރެކޯޑް ކޮންމެ ރަށަކުންވެސް ބަލާލެވޭނެ ކަމަށްވެސް ހެލްތް މިނިސްޓްރީން ވިދާޅުވެއެވެ.
ސިއްޙީ ނިޒާމް އެއް ވިއުގައަކުން ގުޅާލުމުގެ މަސައްކަތަކީ މި ސަރުކާރުގެ މަސައްކަތު ފުރަތަމަ 100ގެ ވަޢުދުތަކުގެ ތެރޭގައިވެސް ހިމެނޭ ކަމެކެވެ.