ޚަބަރު

އަދާލަތާ ޑިއާރުޕީ އޮޑިޓް ރިޕޯޓް ހުށަނާޅާ


މުއްދަތު ހަމަވިއިރު ސީޔާސީ ޕާޓީތަކުގެ ތެރެއިން އޮޑިޓް ރިޕޯޓް ހުށައެޅީ 4 ޕަޓީންކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ސިޔާސީ ޕާޓީތަކުން ހުށައަޅަންޖެހޭ އޮޑިޓް ރިޕޯޓް ހުށައެޅުމުގެ އެންމެ ފަހުގެ މުއްދަތަކީ މިމަހުގެ ނުވަވަނަ ދުވަހެވެ. މި މުއްދަތުގެ ތެރޭގއި އޮޑިޓް ރިޕޯޓް ހުށަނަޅާ ޕާޓީތަކަށް ފިޔަވަޅު އަޅާނެކަމަށް އިސީން ކުރިންވަނީ ބުނެފައެވެ.

6 ސިޔާސީ ޕާޓީއަކުން އޮޑިޓް ރިޕޯޓް ހުށައަޅަންޖެހޭއިރު މުއްދަތު ހަމަވިރު ރިޕޯޓް ހުށައަޅާފައިވަނީ ވެރިކަންކުރާ މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރެޓީކް ޕާޓީ (އެމްޑީޕީ) އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި މޯލްޑިވްސް އެލަޔަންސް ޑިވޮލޮޕްމަންޓް (އެމްޑީއޭ) އާއި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އެވެ.

އޮޑިޓް ރިޕޯޓް ހުށަނާޅަނީ އަދާލަތު ޕާޓީ (އޭޕީ) އާއި ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވާގޮތުން ކޮންމެ މީލާދީ އަހަރެއް ނިމޭތާ 90 ދުވަހުގެ ތެރޭގައި އެ ސިޔާސީ ޕާޓީގެ އޮޑިޓް ރިޕޯޓް ހުށައަޅަންޖެހޭނެއެވެ. އަދި އޮޑިޓް ރިޕޯޓް ހުށައަޅަންވާނީ އޮޑިޓަރ ޖެނެރަލް ގަބޫލުކުރާ އޮޑިޓަރެއް މެދުވެރިކޮށް އޮޑިޓް ކުރުމަށްފަހުއެވެ.

ސީޔާސީ ޕާޓީތަކުގެ ޤާނޫނުގައިވާ ގޮތުން ކަނޑައަޅާފައިވާ މުއްދަތުގައި އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތައް 20،000 ރުފިޔާއާއި 50،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭނެއެވެ. އަދި ކޮންމެ ޕަޓީއަކުންވެސް އެޕާޓީއެއްގެ ފައިސާ ކަންކަން ބަލަހައްޓަން ކަނޑައޅާފައިވާ ފަރާތެއް 5،000 ރުފިޔާއާއި 10،000 ރުފިޔާާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް ސީޔާސީ ޕާޓީތަކުގެ ގާނޫން އިލްކެޝަންސް ކޮމިޝަނަށް ދީފައިވެއެވެ.