ޚަބަރު

ޕީޕީއެމް ޕީއެންސީގައި އޮތީ މަކަރުވެރި ރޭވުމެއް - ހުސެއިން


ޕީޕީއެމާއި ޕީއެންސީ ކޯލިޝަންގައި އޮތީ މަކަރުވެރި ރޭވުމެއްކަމަށް ވިދާޅުވެ ރައްޔިތުން މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ގޮނޑި ކާމިޔާބުކުރެއްވި މިހާރުވެސް އެދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް ޕީޕ؛ީއެމް ޕީއެންސީ ލީޑަރ ޝިޕަށް ފާޑުވިދާޅުވެއްޖެއެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ އެންމެ އަރިސް ބޭފުޅުންގެ ތެެރޭގައި ހިމެނިވަޑައިގެންނެވި ހުސެއިން މި ފަހަރުގެ މަޖިލިސް ގޮނޑި ކާމިޔާބުކުރައްވާފައިވަނީ އަމިއްލަ ކެނޑިޑޭޓެއްގެ ގޮތުގައެވެ.

ހުސެއިން މުހައްމަދު ލަތީފު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފއިވަނީ ޕީޕީއެމް ޕީއެންސީގައި އޮތީ މަކަރުވެރި ރޭވުމެއްކަމަށެވެ. އަދި ޕާޓީގެ ލީޑަރޝިޕް ބަދަލުކުރިކަމަށް ދެއްކިނަމަވެސް ލީޑަރޝިޕް ބަދަލުނުވާކަމަށާއި އަޑީގައި ތިބި މީހުންގެ ވާހަކަތައް ދާދި އަވަހަށް ދެއްކޭނެކަމަށްވެސް ހުސެއިންގެ ޓްވީޓްގައިވެއެވެ. އެހެންނަމަވެސް އެނާގެ މި ތުހުމަތުތައް އައިސްފައި ވަނީ ކޮން ސަބަބަކާއި ހުރެ ކަމެއް ޓްވީޓްގައި ތަފުސީލުކުރައްވާފައެއްނުވެއެވެ.

ރިޔާސީ އިންތީޚާބާއި މަޖިލިސް އިންތިޚާބުގައި ލިބުނު ނާކާމިޔާބީއަށް ފަހު ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވުމުން ޕީޕީއެމްއާއި ޕީއެންސީގެ ލީޑަރ ޝިޕަށް ވަނީ ބައެއް ބަދަލުތައް ގެނެސް ފައެވެ. މިގޮތުން ޕީޕީއެމަށް ހަތަރު ނާއިބު ރައީސުން ވަނީ އައްޔަންކޮށްފައެވެ. އަދި ޕީޕީއެމްގެ އިސްސަފުގައި ތިއްބެވި ބައެއް ބޭފުޅުން އެޕާޓީން ވަކިވެ ޕީއެންސީގެ ލީޑރޝިޕްގެ މަގާމުތަކަށްވަނީ ގޮސްފައެވެ.

ރައީސް ޔާމީންގެ އެންމެ ގާތް ބޭފުޅުންގެ ތެރޭގައި ހުންނެވި ހުސެއިން ވަނީ ރިޔާސީ އިންތިޚާބަށް ފަހު އެޕާޓީން ވަކިވެ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގެންފައެވެ. ހުސެއިންގެ އިތުރުން މަޖިލިސް އިންތިޚާބާއި ދިމާކޮށްވެސް ޕާޓީގެ އިސް މަޤާމުތަކެއް ފުރުއްވި ބޭފުޅުންވަނީ ޕީޕީއެމުން ވަކިވެޑައިގެންފައެވެ. ޕާޓީން ވަކިވި ބައެއް ބޭފުޅުން އޭރުވެސް ވިދާޅުވަމުން ގެންދެވީ ޕާޓީގެ ލީޑަރޝިޕުން ބޭނުންވާގޮތަށް ކަންކަންކޮށް މުޅި ޕާޓީއަށް ނުފޫޒު ފޯރުވަމުން ގެންދާކަމަށެވެ.

މަޖިލިސް އިންތިޙާބަށްފަހު ޕީޕީއެމުން ކައުންސިލް ބައްދަލުވުމެއް ބާއްވާ ނާއިބު ރައީސުންނަށް ތިން ބޭފުޅުން ކަނޑައަޅާފައިވެއެވެ. އަދި ޕީއެންސީވެސް ކޮންގްރެސް އެއް ބާއްވާ އެޕާޓީގެ ލީޑަރޝިޕުވެސް ވަނީ ކަނޑައަޅާފައެވެ. ދެ ނަމެއްގައި ދެ ޕާޓީ ހިންގި ނަމަވެސް ޕީޕީއެން ޕީއެންސީ ބޭނުންކުރަމުން އަންނަނީ ޕީޕީއެމްގެ އޮފީހާއި ތަކެއްޗެވެ. އަދި ޕީއެންސީގެ ހުރިހާކަމެއް އިންތިޒާމުކުރަމުން އަންނަނީވެސް ޕީޕީއެމުންނެވެ. މިގޮތުން ޕީއެންސީ ކޮންގެރެސްގެ އެންމެހާ އިންތިޒާމުތައްވެސް ބެލެހެއްޓީ ޕީޕީއެމުންނެވެ.