ޚަބަރު

ޔޫރަޕިއަން ޔޫނިއަންއާއެކު އެކި ދާއިރާތަކުން ގުޅުން ބަދަހިކުރަން ރާއްޖެއިން ތައްޔާރު- ފޮރިން މިނިސްޓަރ


ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު އޮތް ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް ގުޅިގެން މަސައްކަތް ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ސަރުކަރުން ދެއްވައިފިއެވެ.

މި ޔަޤީންކަން ދިވެހި ސަރުކާރުން ދެއްވާފައި ވަނީ ޔޫރަޕް ދުވަހާ ގުޅިގެން ޔޫރަޕިއަން ކޮމިޝަންގެ ނާއިބް ރައީސް އަދި ހައި ރެޕްރެޒެންޓޭޓިވް އޮފް ދަ ޔޫނިއަން ފޯރ ފޮރިން އެފެއަރޒް އެންޑް ސެކިއުރިޓީ ޕޮލިސީ، ފެޑެރިކާ މޮޣެރެނީ އަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ފޮނުއްވެވި މެސެޖުގައެވެ.

ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ޔޫރަޕް ދުވަހުގެ ތަހުނިޔާ އަރިސްކުރައްވަމުން މިނިސްޓަރ ޝާހިދު ފޮނުއްވެވި މެސެޖުގައި ވަނީ ދިވެހިރާއްޖޭގެ ޑީމޮކްރަސީ ހަރުދަނާ ކޮށް އިންސާނީ ޙައްޤުތަކާބެހޭގޮތުން ވަކާލާތުކޮށް އިންސާނީ ޙައްޤުތައް ހިމާޔަތްކުރުމާއި ތިމާވެއްޓަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ އަސަރު ކުޑަކުރުމަށް ޔޫރަޕިއަން ޔޫނިއަންއާއި ގުޅިގެން މަސައްކަތް ކުރުމަށް ދިވެހި ސަރުކާރުން ތައްޔާރަށް އޮތްކަން ވަނީ ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން ޔޫރަޕިއަން ޔޫނިއަންއާއެކު މިހާރު އޮތް ގުޅުން ދިވެހި ސަރުކާރުން ބަލައިގަންނަ ކަމަށާ ކުރިއަށްއޮތްތަނުގައި އެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ އުންމީދު ކުރައްވާކަމަށްވެސް މިނިސްޓަރގެ މެސެޖުގައި ވިދާޅުވެފައިވެއެވެ.