ވިޔަފާރި

ރާއްޖޭގައި ފްލޯޓިންގ އައިލެންޑްތަކެއް ތަރައްޤީކުރަނީ


މޫސުމަށް އަންނަ ބަދަލުތަކަށް ތައްޔާރުވުމަށް، ރާއްޖޭގައި ފްލޯޓިންގް އައިލެންޑްތަކެއް ތަރައްޤީކުރުމާއި، ގުޅޭ އެއްބަސްވުމެއްގައި ނެދެލޭންޑްސްގެ ކުންފުންޏަކާއެކު ޓޫރިޒަމް މިނިސްޓްރީން ސޮއިކޮށްފިއެވެ.

މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު ޞާލިޙެވެ. އަދި ޑަޗް ޑޮކްލެންޑްސްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ޕޯލް ވަން ޑެ ކަމްޕްއެވެ.

މި އެއްބަސްވުމާއި ގުޅޭ އިތުރު ތަފްސީލްތައް އަންނަ ހަފްތާތެރޭ މީޑިއާ އާއި ހިއްސާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ހާމަކުރެއެވެ.

ޑަޗް ޑޮކްލޭންޑްސް އާއި ދިވެހި ސަރުކާރާ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ވެންޗާއަކުން މިހާރުވެސް ރާއްޖޭގައި "އޯޝަން ފްލާވަރ"ގެ ނަމުގައި ރިސޯޓެއް ހަދަމުންދާ ކަމަށް މީގެ ކުރިންވެސް ވަނީ ވާހަކަތަކެއް ދެކެވިފައެވެ. ނަމަވެސް ފަހުގެ ތާރީޙެއްގައި މި މަޝްރޫއާ ގުޅޭ އިތުރު ތަފްސީލެއް އާއްމުންނާއި ހިއްސާކޮށްފައެއް ނުވެއެވެ.