ޚަބަރު

ބްރެކްސިޓާމެދު ލޭބަރ ޕާޓީން ކުރާ މަޝްވަރާތަކުގައި އެއްބަސްވުމެއް ޤާއިމުކުރެވޭނެކަށް މޭ ވިދާޅުވެއްޖެ


އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިކުރުމާ ބެހޭގޮތުން އެގައުމުގެ ސަރުކާރާ އިދިކޮޅު ލޭބަރ ޕާޓީން އެއްބަސްވުމެއް ޤާއިމުކުރުމުގެ މަސައްކަތްތައް ކުރަމުންދާ ކަމަށް އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ތެރީސާ މޭ ވިދާޅުވެއްޖެއެވެ.

އިނގިރޭސި ޤާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން މޭ ވިދާޅުވީ، މިކަމުގައި، އިދިކޮޅު ލޭބަރ ޕާޓީން ބިނާކުރަނިވި މަޝްވަރާތަކެއް ކުރަމުންދާ ކަމަށާއި، މި މަޝްވަރާތައް މެދުވެރިކޮށް، ދާދި އަވަހަށް، އެއްބަސްވުމެއް ޤާއިމުކުރެވޭނެކަމަށެވެ. އަދި މި އެއްބަސްވުމަށް އިނގިރޭސިވިލާތުގެ ޤާނޫނު ހަދާ މަޖިލީހުގެ ރުހުން ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް މޭ ވިދާޅުވިއެވެ.

އިނގިރޭސިވިލާތް ވިލާތުގެ އިއްތިހާދުން ވަކިވުމަށް މީގެ ކުރިން ކަނޑައަޅާފައިވާ މުހުލަތު ކަމަށްވާ މާރިޗު މަހުގެ 29 ފަހަނައަޅައިގެން ގޮސްފައިވާއިރު، އިނގިރޭސި ސަރުކާރުގެ އެދުމުގެ މަތިން ވިލާތުގެ އިއްތިހާދުން މިވަނީ އިނގިރޭސިވިލާތަށް މިކަމުގައި މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް މުހުލަތު އިތުރުކޮށްދީފައެވެ. އިނގިރޭސި ސަރުކާރަށް މިކަމުގައި މުހުލަތު އިތުރުކޮށްދިނުމަށް އެދެން ޖެހުނީ އެ ގައުމު ވިލާތުގެ އިއްތިހާދުން ވަކިކުރުމަށް ކަނޑައަޅާފައިވާ އެއްބަސްވުން ތިން ފަހަރެއްގެ މަތިން އެގައުމުގެ ޤާނޫނު ހަދާ މަޖިލީހަށް ހުށަހެޅުމުންވެސް އެ މަޖިލީހުން އެ އެއްބަސްވުން ފާސްކުރުމަށް ދެކޮޅު ހެދުމުންނެވެ.

މިކަމުގައި އިދިކޮޅު ލޭބަރ ޕާޓީއިން ކުރިއަށްގެންދާ މަޝްވަރާތަކުގައި ބިނާކުރަނިވި އަދި އުފެއްދުންތެރި ވާހަކަތަކެއް ދެކެވެމުންދާ ކަމަށް ލޭބަރ ޕާޓީން ވެސް ވަނީ ބުނެފައެވެ.