ޚަބަރު

އެމްޓީސީސީގެ ބަހެއް އަނެއްކާވެސް އެކްސިޑެންޓްވެއްޖެ


އެމްޓީސީސީގެ ބަހެއް އަނެއްކާވެސް އެކްސިޑެންޓްވެއްޖެއެވެ. ހުޅުމާލޭގައި ހިންގި މިއެކްސިޑެންޓްގައި ޖެހިފައިވަނީ އެމްޓީސީސީގެ ބަހަކާއި ކާރެކެވެ. މިހާދިސާގައި ބަހާއި ކާރައްވެސް ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ގެއްލުންވި ކަމުގެ މަޢޫލުމާތު ލިބިފައެއް ނުވެއެވެ.

ބަސް ޖެހިފައިވަނީ ދުއްވަމުން ދިޔަ ކާރެއްގައި ފަހަތުންނެވެ. މި އެކްސިޑެންޓާ ގުޅިގެން ކާރުގެ ފަހަތުކޮޅު ބަނޑިވެ، ބަހުގެ ހެޑްލައިޓާ ދިމާއިން ބައެއް ނެއްޓިގެން ގޮސް، ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އެކްސިޑެންޓްވި ބަހަކީ ހުޅުމާލޭގެ އެތެރޭގެ ދަތުރުތަކަށް ބޭނުންކުރާ ބަހެކެވެ.

މީގެ ތިން ދުވަސްކުރިންވަނީ، އެމްޓީސީސީ ބަހެއް ދުއްވަން އިން މީހަކަށް ނިދިޖެހިގެން ނުރައްކާތެރި އެކްސީޑެންޓެއް ހިނގައި، މީހަކު މަރުވެފައެވެ. މި މަސައްސަލަ ފުލުހުންދަނީ ތަޙްގީގް ކުރަމުންނެވެ.