މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ޢަބްދުﷲ ޝާހިދު ރަސްމީ ދަަތުރުފުޅެއްގައި ރުމޭނިއަށް ވަޑައިގެންފިއެވެ.
މިއީ ރުމޭނިއާގެ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް ތިއޮޑޯ މެލެސްކާނޯގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއްކަމަށް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
މި ދަތުރުފުޅުގައި ރުމޭނީއާގެ ޚާރިޖީ ވަޒީރު މެލެސްކާނޯއާއި ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މިނިސްޓަރ ޝާހިދު މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާކަމަށާ، އަދި ރުމޭނިއާގެ ވައިސް ޕްރައިމް މިނިސްޓަރ އަނާ ބަރޗޯލްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރެއްވުމަށް ހަމަޖެހިފައިވާކަމަށްވެސް ފޮރިން މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ.
މީގެ އިތުރުން ރުމޭނިއާ ސަރުކާރުގެ އިސް އެހެން ބައެއް ބޭފުޅުންނާ ބައްދަލުކުރައްވައި، ދެޤައުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުމާ ބެހޭގޮތުން އެމިނިސްޓަރ ޝާހިދު މަޝްވަރާކުރައްވާނެކަމަށްވެސް އެމިނިސްޓްރީން ވިދާޅުވެއެވެ.