މިނިސްޓަރ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓް އާމިނަތު ޢާޠިފާގެ ރަސްމީ ކާރުކޮޅު އެކްސިޑެންޓް ވެއްޖެއެވެ.
ފުލުހުން ވިދާޅުވީ މިއަދު ހެނދުނު 9:54 ހާއިރު ހައުސިން މިނިސްޓްރީގެ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭކަމުގެ މަޢުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
މި އެކްސިޑެންޓް ހިނގާފައިވަނީ ބޮޑުތަކުރުފާނު މަގުން އިސްކަންދަރު މައުޒާނުގެ ކުރިމަތީގައެވެ. އެކްސިޑެންޓް ހިނގަން މެދުވެރިވީ މިނިސްޓަރުގެ ކާރު އުތުރުން ދެކުނަށް ދުއްވާފައި ދަނިކޮށް، އެމަގުގައި ސައިލުދުއްވަން ޚާއްސަ ލޭނުން ދުއްވާފައިދިޔަ ސައިކަލެއް ކުއްލިޔަކަށް ކާރު ދުއްވަން ޚާއްސަކޮށްފައިވާ ލޭނަށް އުރުމުގެ ސަބަބުންކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މިއެކްސިޑެންޓް ހިނގިއިރު މިނިސްޓަރުގެ ކާރުކޮޅުގައި އިނީ ޑްރައިވަރު އެކަންޏެވެ.
މިއެކްސިޑެންޓުގައި ސައިކަލްދުއްވަން އިނީ ޢުމުރުން 24 އަހަރުގެ އަންހެނެއްކަމަށާ، އޭނާގެ އަތުގައި ލައިސަންސް އޮތްކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްްވައެވެ. އެހެންނަމަވެސް ލައިސަންސް އޮތީ މުއްދަތު ހަމަވެފައިކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.
މިއެކްސިޑެންޓުގައި އެއްވެސް މީހަކަށް ހާނީއްކައެއް ވެފައި ނުވާކަމަށާ، އެހެންނަމަވެސް މިނިސްޓަރުގެ ކާރަށް ގެއްލުންވެފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެއިތުރުން މިއަދު ހެނުދު 10 ޖަހާ އެހައިކަށްހާއިރު، ހުޅުމާލޭ ހައިވޭގައިވެސްވަނީ އެކްސިޑެންޓެއް ހިންގާފައެވެ. މި އެކްސިޑެންޓް ހިންގާފައިވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރި ވޭނެއް ކޮންޓްރޯލް ނުވެގެންގޮސް މަގު ދެބައިކުރުމަށް ޖަހާފައިވާ، ބިއްގަނޑުތަކުގައި ޖެހިގެންނެވެ.
އެކްސިޑެންޓުގައި ބިއްގަނޑު ހަލާކުވެ އެއިން ބުރައިގެންދިޔަ ޕްލާސްޓީކްތަކުން ޖެހި އެވަގުތު ހުޅުމާލެއިން މާލެއަށް ދަތުރުކުރި ކާރަކަށް ގެއްލުންވެފައިވެއެވެ. މި ޙާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވެއެވެ.