ޚަބަރު

ބަސް އެކްސިޑެންޓްގައި މަރުވި މީހާގެ ހަށިގަނޑު ޢާއިލާއާއި ހަވާލުކޮށްފި


ހުޅުމާލޭގައި ހިނގި ބަސް އެކްސިޑެންޓުގައި މަރުވި ޢުމުރުން 31އަަހަރުގެ ޔޫކްރެއިން އަންހެންމީހާގެ ހަށިގަނޑު އޭނާގެ ޢާއިލާއާއ ޙަވާލުކޮށްފައިވާކަމަށް ފުލުުހުން ވިދާޅުވެއްޖެއެވެ. އަންހެން މީހާގެ ޢާއިލާމީހުން ރާއްޖެ އައިސްފައިވަނީ އަންގާރަ ދުވަހުއެވެ.

މިމީހާ މަރުވެފައިވަނީ އެމްޓީސީސީގެ ބަހެއް ކޮންޓްރޯލްނުވެން ގޮސް، އަންހެން މީހާގެ ގައިގައި ޖެހިގެންނެވެ. އޭރު އޭނާ އުޅުނީ ހެނދުނު ޖޮގިންއަށް ނުކުމެ އިތުރު މީހަކާއެކު މަގުމަތީގައެވެ.

މި އަންހެން މީހާގެ ހަށިގަނޑު ޤައުމަށް ފޮނުވާލުމަށް ދޭންޖެހޭ އެހީތެރިކަން ދެމުން އަންނަނީ، ބަސް އޮޕަރޭޓްކުރާ ކުންފުނި އެމްޓީސީސީންނެވެ.

އެކްސިޑެންޓް ހިންގާފައިވަނީ ބަސް ދުއްވަން އިން ޑްރައިވަރަށް ނިދިޖެހިފައި އިންދައި، ބަހުގައި މަސައްކަތްކުރާ އެހީތެރިއަކު އޭނާގެ ގައިގައި ކޮށްޓާލުމުން، ހޭލެވި، ކުއްލިއަކަށް ސްޕީޑް ބާރުކޮށްލެވުމާއި ގުޅިގެންކަމަށް މަޢުލޫމާތު ލިބެއެވެ.

މި މައްސަލައާއި ގުޅިގެން ބަހުގެ ޑްރައިވަރު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭނާގެ ބަންދަށް ކޯޓުންވަނީ 3 ދުވަސް ޖަހާފައެވެ.

މި އެކްސިޑްންޓް ހިނގާފައިވަނީ ހުޅުމާލޭ ފެރީ ޓަރމިނަލް ކައިރީގައި، ހޯމަ ދުވަހު ހެނދުނު 6:37 އެހައިކަންހާއިރުއެވެ.