އިންޑިއާގެ އުއްތަމަ ފަނޑިޔާރު ރަންޖަން ގޮގޯއީއާ ދެކޮޅަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކުގައި އެއްވެސް އަސާސެއް ނެތްކަމަށް އެކަން ތަޙުޤީޤުކުރި ޕެނަލުން ބުނެފިއެވެ.
ގޮގޯއީގެ މައްޗަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުކޮށްފައިވަނީ އިންޑިއާގެ ސުޕްރީމް ކޯޓުގައި އިދާރީގޮތުން މަސައްކަތްކުރާ އަންހެން މުވައްޒަފެކެވެ. އެ ވުމައްޒަފު ބުނެފައިވަނީ އެކި ފަހަރު މަތިން އުއްތަމަ ފަނޑިޔާރު ގޮގޯއީ އޭނާއަށް ޖިންސީގޮތުން ގޯނާކުރިކަމަށާއި، އެކަން ސިއްރުކުރަންވެސް އެދިފައިވާކަމަށެވެ.
ގޮގޯއީ ވަނީ އެންމެ ފުރަތަމަވެސް އެ ތުހުމަތަށް އިންކާރު ކުރައްވާފައެވެ. އަދި އެކަން ސާބިތުކޮށްދިނުމަށް އެދި ގޮގޯއީވަނީ އޭނާގެ މައްޗަށް ތުހުމަތުކުރި އަންހެން މުވައްޒަފަށް ގޮންޖައްސަވާފައެވެ.
މި މައްސަލަ ތަހްގީގުކުރި ޕެނަލުން ބުނީ ގޮގޯއީގެ މައްޗަށް ކުރި ތުހުމަތު ސާބިތުކޮށްދެވޭވަރުގެ ހެކި، އޭނާއާ ދެކޮޅަށް ދަޢުވާކުރި އަންހެން މުވައްޒަފަށް ދެއްކިފައިނެތްކަމަށެވެ. ޖިންސީ ގޯނާގެ ތުހުމަތުތަކުން ސަލާމަތްވެވަޑައިގަތުމުން ގޮގޯއީވަނީ އެކަމާ އުފާކުރައްވާކަމަށް ވިދާޅުވެފައެވެ.
ގޮގޯއީ ވަނީ ސުޕްރީމް ކޯޓުގެ އަންހެން މުވައްޒަފު އޭނާއާ ދެކޮޅަށް އުފުލި ޖިންސީ ގޯނާގެ ދަޢުވާއަކީ އޭނާގެ އަގުވައްޓާލުމަށާއި، އިންޑިއާގެ އަދުލުއިންސާފުގެ ނިޒާމާމެދު ޝައްކު އުފެއްދުމުގެ މަޤުޞަދުގައި ބަޔަކު އަޑީގައި ތިބެގެން އަންހެން މުވައްޒަފު ލައްވައި ކުރުވި ކަމެއްކަމަށް ތުހުމަތު ކުރައްވާފައެވެ.