ފިނޭންސް މިނިސްޓްރީ ކުރިމަތިން އޮންނަ ހަނިގޯޅި ގަނޑުތެރޭ ތޫނު އެއްޗަކުން ހަމަލާދީ ގ. ވޭރު އަބްދުލްމުހީތު މަރާލި މައްސަލާގައި ދެމީހެއްގެ މައްޗަށް ކުށްސާބިތުވާކަމަށް ކަނޑައަޅާ އެކެއްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކުރިމިނަލްކޯޓުން ހުކުމްކޮށްފިއެވެ.
2012 ވަނައަހަރުގެ ފެބްރުއަރީމަހުގެ 19 ވަނަދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި މުހީތަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި މައްސަލާގައި ދައުލަތުން ދައުވާކުރީ ގދ ގައްދޫ އަބްލަޤީގޭ މުހުޖަތު އަހުމަދު ނާސިހާއި ސ މަރަދޫ ސަލަޓަންވިލާ އަލީ މުޝައްފައުގެ އިތުރުން ޅ ނައިފަރު ޒައިތޫނިގޭ މުހައްމަދު މައިމޫންގެ މައްޗަށެވެ.
މި ތިން މީހުންގެ ތެރެއިން ކުށްސާބިތުވާކަމަށް ކުރިމިނަލްކޯޓުން ކަނޑައަޅާފައިވަނީ މުހުޖަތު އަހުމަދު ނާސިހާ މުހައްމަދު މައިމޫންގެ މައްޗަށެވެ. މި ދެ މީހުންގެ މައްޗަށް ކުށްސާބިތުވާކަމަށް ކޯޓުން ނިންމި ނަމަވެސް އަދި ހުކުމެއް ކަނޑައެއް ނާޅައެވެ. އަލީ މުޝައްފައުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުން ކަނޑައަޅާފައިވަނީ އެކަށީގެންވާ ވަރަށް ހެކިނެތިގެންނެވެ.
ޖިނާއީ އިޖްރާއަތުގެ ޤާނޫނުގައިވާ ގޮތުން އަދަބުގެ މިންވަރު ކަނޑައަޅާނީ އަދަބާ ބެހޭގޮތުން ދެ ފަރާތުން ވާހަކަ ދެއްކުމަށް ފުރުސަތު ދިނުމަށްފަހުއެވެ. އަދި މި މަޖލިސް ކުށް ސާބިތުވާ 10 ދުވަުގެ ތެރޭގައި ބާއްވަންޖެހޭނެކަމަށްވެސް ޤާނޫނުގައިވެއެވެ.
މި މައްސަލައިގެ ނިންމުމަކާއި ހަމައަށް ކޯޓުން އައިސްފައި މިވަނީ އެތައް ދުވަހެއް ވަންދެން މި މައްސަލަ ކޯޓް ތެރޭގައި ހުއްޓިފައި އޮތުމަށްފަހުއެވެ. މި މައްސަލަ ބަލަމުންދިޔަ ފަނޑިޔާރުން އެތައް ފަހަރަކު ބަދަލުވެފަވެސް ވެއެވެ.
މުހީތުގެ މަރާ ގުޅިގެން ތިން ކުއްޖެއްގެ މައްޗަށްވެސް ދައުލަތުން ދައުވާކުރި އެވެ. މި ތިން ކުދިންގެ ތެރެއިން އެއްކުއްޖަކު ކޯޓުން މިނިވަންކުރިއިރު އަނެއް ދެ ކުދިންގެ މައްޗަށް މަރަށް މަރު ހިފުމަށް ޖުވައިނަލްކޯޓުން ވަނީ ހުކުމްކޮށްފައެވެ. ދަށުކޯޓްގެ މި ނިންމުމަށް ހައިކޯޓުންވެސް ވަނީ ތާއިދުކޮށްފައެވެ. އެހެންމަވެސް މި މައްސަލާގައި ސުޕްރީމްކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
ސައިކަލުގައި އައި ގްރޫޕަކުން އުމުރުން 21 އަހަރުގެ އަބްދުލްމުހީތަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވަނީ 2012 އަހަރު ފެބްރުއަރީ މަހުގެ 19 ވަނަދުވަހުގެ ރޭ ދަންވަރު 1:50 ގައެވެ. މުހީތު މަރުވެފައިވަނީ ލިބުނު ޒަހަމުތަކަށް އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދަނިކޮށެވެ.