ޚަބަރު

އީރާނުގެ ބޯޓުން މިހާތަނަށް 50 ކިލޯގެ މަސްތުވާތަކެތި


ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މަސްތުވާތަކެއްޗާއެކު އަތުލައިގަނެވުނު ޢިރާނުގެ ބޯޓުން މިހާތަނަށް ގާތްގަނޑަކަށް 50 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ހިނގި އޮޕަރޭޝަނެއްގައި އަތުލައިގަތް މިބޯޓުގައި ހުރި މަސްތުވާތަކެތި ފޮރުވާފައިހުރީ ބޯޓުގައި ހުރި ކޮމްޕާރޓްމަންޓްތަކުގައި އިތުރު ފައިބަރު ފަށަލައެއް އަޅާ ނުފެންނަގޮތަށް ހަދައިގެންކަމަށް ފުލުހުން ވިދާޅުވެއެވެ.

މަސްތުވާތަކެއްޗާއެކު އަތުލައިގަތް މި ބޯޓުގައި ތިބި 7 މީހަކު ފުލުހުން އިއްޔެ ހައްޔަރުކޮށްފައިވާއިރު މިމީހުންގެ ބަންދަށް 15 ދުވަސް ކޯޓުން ޖަހައިދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިބޯޓު އިތުރަށް ބަލައި ފާސްކުރުމަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުންދަނިކޮށް ވިލިމާލެ ކައިރީގައި އޮންނަ ފަރަކަށް އެރުމާ ގުޅިގެން ބޯޓު ފުންކުރުމާއި އިތުރަށް ބޯޓުގައި މަސްތުވާތަކެތި ހުރިތޯ ބަލައި ފާސްކުރުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވެސްވަނީ އެސަރަޙައްދަށް ވަޑައިގެން މި މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލައްވާފައެވެ.

ފުލުހުންނާއި ސިފައިން ގުޅިގެން ހިނގި އޮޕަރޭޝަނެއްގައި މި ބޯޓު ހުއްޓުވާފައިވަނީ ބ.އަތޮޅުގެ ހުޅަނގުން 126 ނޯޓިކަލް މޭލު ބޭރުންކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. މި ބޯޓުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނިފައިވާއިރު، މިއީ މިސަރަޙައްދުގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންގެންދާ ބޯޓެއްކަމަށް މަޢުލޫމާތު ލިބިފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.