ޚަބަރު

ބިލެއްދޫ ވެވު ނުކޮނުމަށް ހެރިޓޭޖް މިނިސްޓްރީއިން އަންގައިފި


ފ.ބިލެއްދޫގައި އާސާރީ ވެވެއް ހުރި ތަނެއްކަމަށް ބުނާ ތަން ކޮންނަމުންދާތީ، އެކަން ހުއްޓާލުމަށް މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖުން ބިލެއްދޫ ކައުންސިލަށް ލިޔުމުން އަންގައިފިއެވެ.

މިކަމާއި ގުޅިގެން ހެރިޓޭޖް މިނިސްޓަރ ޔުމްނާ މައުމޫން ވިދާޅުވީ ކަމާއި ގުޅުންހުރި ފަރާތްތަކުގެ ލަފަޔާއި ނުލައި އެފަދަ ކަމެއްކުރުމަކީ، އާސާރަށް ގެއްލުން ލިބޭނެ ކަމަކަށްވާތީ އެކަން ނުކުރުމަށް އަންގާކަމަށެވެ. އަދި މިފަދަ ތަންތަން ކޮންނަންވާނީ ގެއްލުން ނުވާގޮތަށް، މިނިސްޓްރީއާއި ފަންނީ މީހުންގެ ލަފަޔާއިއެކުކަމަށްވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ރަށްރަށުގައި ހުރި އާސާރީ ތަންތަނަކީ އެރަށެއްގެ ރައްޔިތުންގެ މިލްކެއްނަމަވެސް އެފަދަ ތަންތަން ހަލާކުކުރުމަކީ ނުވަަތަ ގެއްލުންދިނުމަކީ ޤާނޫނީ ކުށެއްކަމަށެވެ. އެހެންކަމުން މިފަދަ ކަންކަން ނުކުރުމަށް މިނިސްޓަރވަނީ އިލްތިމާސްކުރައްވާފައެވެ.

ފ.ބިލެއްދޫ ވެވަކަކީ ހެރިޓޭޖް މިނިސްޓްރީން އަލަށް އެކުލަވާލި ތަރިކައިގެ ލިސްޓުގައިވެސް ހިމަނާފައިވާ ތަނެއްކަމެއް އެ މިނިސްޓްރީން މަޢުލޫމާތުދެއްވައެވެ. ދިވެހިންގެ ތާރީޚާއި އިހުޒަމާނުގައި ދިވެހިން ދިރިއުޅުނު ގޮތާއި މަސައްކަތްތެރިކަން ދައްކުވައިދޭ މިފަދަ ތަންތަން ހިމާޔަތްކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.