ޚަބަރު

ސުޕްރީމް ކޯޓް ކުރިމަތީ އޮންނަ ހުސްބިމުގައި ޕާކު ކުރެވޭނެގޮތް ހަދަނީ


ސުޕްރީމް ކޯޓް ކުރިމަތީގައި އޮންނަ ހުސްބިން ވަގުތީ ޕާކިންގ ޒޯނަކަށް ހެދުމުގެ މަސައްކަތް ކުރަމުންދާކަމަށް ސީޓީ ކައުންސިލުން ބުނެފިއެވެ.

ރަމަޟާން މަހާއި ދިމާކޮށް މަލޭގެ މަގުތަކުގެ ބާރު ކުޑަކުރުމަށް ކުރާ މި މަސައްކަތް ނިންމައި ކުރިއަށް އޮތް ދެދުވަހުގެ ތެރޭގައި އެތަނުގައި ޕާކުކުރުމަށް ހުޅުވާލާނެކަމަށް ސިޓީ ކައުންސިލުން ބުނެއެވެ.

ސިޓީކައުންސިލުން ބުނީ މި ސަރަހައްދަކީ ބާޒާރުމަތިކަމަށްވެފައި ބޮޑެތި އުޅަނދުތައް ގިނައިން ދަތުރުކުރަންޖެހޭ ސަރަހައްދެއްކަމުން މި ޕާކިންގ ޒޯން ޚާއްޞަކުރެވިގެންދާނީ 4 ފުރޮޅުލީ އުޅަނދުތަކަށް ކަމަށެވެ.

މި ޒޯން ހެދުމަށްޓަކައި ސްޕްރީމް ކޯޓު ކުރިމަތީގައި އޮންނަ ބިމުގެ ވަށައިގެން ރާނާފައިވާ ފާރު ތަޅާލުމުގެ މަސައްކަތް ސިޓީކައުންސިލުން މިހާރުދަނީ ކުރަމުންނެވެ.

ރަމަޟާންމަހަކީ މަގުތަށް އިތުރަށް ބާރުބޮޑުވާ މަހަކަށްވާތީ ސިޓީ ކައުންސިލުންވަނީ ގަރާޖަށް ލެވޭނެ ވެހިކަލްތައް ގަރާޖުގައި ބެހެއްޓުމަށްވެސް އިލްތިމާސްކޮށްފައެވެ.

މީގެއިތުރުން މަޖީދީމަގުގައި، ހީނާމާގެ ގޯތިތެރެ ސާފުކޮށް ވަގުތީގޮތުން ޕާކުކުރެވޭނެ ސަރަަޙައްދެއް ހެދުމުގެ މަސައްކަތްވެސް ކުރަމުންދާކަމަށް ސިޓީ ކައުންސިލުންވަނީ ބުނެފައެވެ.

ސިޓީކައުންސިލުންދަނީ ގާކޮށީ ފްލެޓްތައް ހުރި ބިމުގައިވެސް ޕާކުކުރުމަށް އިތުރު ޖާގަ ހެދުމަށް މަސައްކަތް ކުރަމުންނެވެ.

މާލޭގެ މަގުތަކުގެ ބާރު ކުޑަކުރުމަށް ސިޓީ ކައުންސިލުންދަނީ ޚާއްސަ އިސަކަމެއްދީގެ ޕާކިންގ އޭރިއާ އިތުރުކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ވެލާނާގޭ ކައިރިއާއި، ހެންވޭރު ސަހަރާ ކައިރިއާއި، މާފަންނު ސަހަރާ ކައިރީގައިވެސް އިތުރު ޕާކިންގ އޭރިއާތައް ހަދައިވަނީ ބޭނުންކުރަން ފަށާފައެވެ.

މީގެއިތުރުން މަޖީދިއްޔާ ކުރިމަތިން އޮންނަ ހުސްބިމާއި، މީރާ ކައިރީ އޮންނަ ހުސްބިމުގައިވެސް ޕާކިން އޭރިއާ ހަދައި، ބޭނުންކުރަން ފެށުމަށް ދަނީ ތައްޔާރުވަމުންނެވެ.