ޚަބަރު

މިއަދަކީ ރަމަޟާންމަހުގެ ދެވަނަ ދުވަސް- މާލެއިން އެކަނި 22 މައްސަލަ، 10 ވައްކަން


ރަމަޟާންމަހުގެ މިހާތަނަށް މާލެއިން ވައްކަމުގެ 10 މައްސަލައެއް ހުށަހަޅާފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އަދި ރަމަޟާންމަހުގެ ފުރަތަމަ ދުވަހުގެ ދަންވަރުން ފެށިގެން މިހާތަަނަށް ވައްކަމާއި، ފޭރުމާއި، މަސްތުވާތަކެއްޗާއި، އެކްސިޑެންޓްގެ 22 މައްސަލައެއް ހުށަހަޅާފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.

މި މައްސަލަތަކަށް ބަލާއިރު ރަމަޟާން މަހުގެ ފުރަތަމަ ދުވަހު ފޭރުމުގެ 2 މައްސަލައަކާއި، މަސްތުވާތަކެތީގެ 3 ތިން މައްސަލައާއި، އެކްސިޑެންޓްގެ 3 މައްސަލައެއް ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ. އަދި މިއަދު މަސްތުވާތަކެތީގެ 3 މައްސަލައާއި، 1 އެކްސިޑެންޓް ހިނގައިގެން ރިޕޯޓްކޮށްފައިވާކަމަށްވެސް ފުލުހުން މަޢުލޫމާތުދެއްވައެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ އަހަރު ރަމަޟާންމަހު މާލެއިން 756 މައްސަލައެއް ހުށައަޅާފައިވެއެވެ. އަދި އެކި ރަށްރަށުން 415 މައްސަލަ ހުށައަޅާފައިވެއެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހަކީ ކުއްކުރުން އިތުރު މަހަކަށްވާތީ، މިއަހަރުގެ ރަމަޟާންމަހާއި ދިމާކޮށް ފުލުހުންވަނީ މާލެތެތެރެ ޕެޓްރޯލް ކުރުމުގެ ކަންކަން ހަރުދަނާކޮށްފައެވެ. އެގޮތުން މާލެތެރޭގެ 15 ސަރަޙައްދެއް ޚާއްސަ ސަމާލުކަމެއް ދީގެން ބެލެހެއްޓުމުގެ މަސައްކަތްވަނީ ފަށާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ. އަދި މިފަދަ ކަންކަމަށް އާއްމުން ސަމާލުވުމަށްވެސް ފުލުހުންވަނީ އިލްތިމާސްކުރައްވާފައެވެ.