ޚަބަރު

މާލޭގެ ބާޒާރުމަތި މިއަހަރު ރަމަޟާންމަހު ތަފާތެއްނޫންތަ؟


މާލޭގެ މާރުކޭޓް ސަރަޙައްދަކީ މުޅި މާލޭގެވެސް އެންމެ ތޮއްޖެހި ބާރުބޮޑުވާ ސަރަހައްދެވެ.
ޚާއްސަކޮށް ވަކި ވަގުތުތަކެއްގައި އެ ސަރަޙާއްދުގައި ވެހިކަލްތައް ދުއްވާނުލެވޭވަރަށް ބާރުބޮޑުވެއެވެ. އެހެން ނަމަވެސް މިއަހަރުގެ ރަމަޟާންމަހު އެ ސަރަޙައްދަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ.

މުދާ އުފުލާ ބޯޓުތަކާއި، ދަތުރުވެރިންގެ މާރުކޭޓާއި، މަސްމާރުކޭޓް އަދި ގިނަ ވިޔަފާރި ފިހާރަތައް ހުންނަ ބަނދަރުމަތި ސަރަޙައްދު ބާރު ބޮޑުވަނީ އެ ސަރަޙައްދަކީ އާއްމު ދިރިއުޅުމަށް މުހިންމު ގިނަ ޚިދުމަތަތްތައް ލިބޭ ސަރަޙައްދަކަށް ވާތީއެވެ.

މިއީ ބަނދަރު މަތީ ތޮއްޖެހޭ މައިގަނޑު ސަބަބުތައް ނަމަވެސް، އެސަރަޙައްދުގައި ހިނގާބިނގާވެ އަދި ދުއްވާ އުޅަނދުތަކަށް އެންމެ ބޮޑު ތުރާލަކީ ތަރުތީބެއް ނެތި ފިހާރަތަކުންނާއި ވިޔަފާރިކުރާ ފަރާތްތަކުން، މަގުމަތީ ނެރެފައިވައި ހުންނަ މުދާތަކާއި، ނުޤަވައިދުން ޕާކުކޮށްފައި ހުންނަ އުޅަނދުތަކާއި، އުކާލުމަށްޓަކައި މަގަށް ނެރެފަ އެތައް ދުވަހެއް ވަންދެން ބަހައްޓާ ކުނިފުނިތަކެވެ. މާރުކޭޓާއި ފިހާރަތަކުން ނެރޭ ކުނިވާޒާތުގެ ކުނިން ދުވާ ވަހަކީވެސް އެ ސަރަޙައްދުގެ ނުތަނަވަސްކަން އިތުރުވާ ކަމެކެވެ.

މާރުކޭޓް ސަރަޙައްދުގައި މުދާ ލޯޑުކޮށް އަންލޯޑް ކުރުމަށްވެސް ޚާއްސަ ޤަވާއިދުތަކެއް ކަނޑައަޅާފައިވެއެވެ. އެހެން ނަމަވެސް ޓްރޯލީފަދަ ތަކެއްޗަށް، ކުޑަ ޕިކަޕަކަށް އަރުވާވަރަށް މުދާ އަރުވައިގެން މަގުގައި ހިތުހުރި ގޮތަކަށް ދުއްވުމަކީވެސް މަގުތަކުގައި އުޅަނދުތައް ތާށިގެ އެތަކެއް ވަގުތެއް ނަގާ ކަމެކެވެ. ޓްރޯލީއާކީ ގުދަނާއި، ސުޕަރމާކެޓްތަކަށް ޚާއްސަ އެއްޗެއް ނަމަވެސް، މާލޭ ބަނދަރު ސަރަޙައްދުގައި މިއީ މުދާ އުފުލުމަށް އާއްމުކޮށް ބޭނުންކުރާ ވަސީލަތަކަށްވަނީ ވެފައެވެ.

މިއަހަރުގެ ރަމަޟާންމަހު އެ ސަރަޙައްދުގެ މަންޒަރުން ފެންނަނީ މުޅިން ތަފާތުކޮށެވެ. މަގުތައް ތަރުތީބުވެފައި، ޤަވާއިދުތަކަށް އެ ސަރަޙައްދު ފެއްތުމަށް ސިޓީ ކައުންސިލާއި، ޓްރެފިކް ފުލުހުން ގުޅިގެންވަނީ ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. މަގުތައްވަނީ ސާފުކޮށްފައެވެ.

އެގޮތުން އެންމެ މުހިންމު އެއްކަމަކަށް ކޮށްފައިވަނީ ނުޤަވައިދުން މަގުމަތީ ބަހައްޓާފައިވާ އެކި ކަހަލަ މުދާތައް ނެގުމެވެ. މަގުމަތީގެ ޤަވާއިދުތައް ބުނާގޮތުން، ނުގަވައިދުން މަގު މަތީގައި މުދާ ބަހައްޓާނަމަ އެތަކެތި އެ ތަންތަނުން ނަގައި ޖޫރިމަނާ ކުރުމުގެ ބާރު ސިޓީ ކައުންސިލަށް ލިބެއެވެ.

ސިޓީ ކައުންސިލުން ބުނެފައިވަނީ މިހާރުވެސް އެ ސަރަޙާއްދުގެ މަގުމަތީގައި، ހިނގާ މީހުންނާއި ދުއްވާ މީހުންނަށް އުނދަގުވާގޮތަށް ބަހައްޓާފައިވާ ޓްރޮލީއާއި، ޕެލެޓްތަކާއި، އަދި ބައެއް އެހެނިހެން މުދާ ސިޓީ ކައުންސިލުން ނަގާފައިވާކަމަށެވެ. އަދި މިފަދަ ތަކެތި އަނބުރާ ދޫކުރަނީ، ނުޤަވައިދުން މަގުމަތީގައި ތަކެތި ބެހެއްޓުމުގެ ސަބަބުން ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ 600ރުފިޔާ ދެއްކުމުންކަމަށެވެ.

ކައުންސިލުން ބުނެފައިވަނީ ނުގަވައިދުން މަގުމަތީ ބަހައްޓާ މިފަދަ ތަކެތި ނަގައި މިހާރުވެސް ބައެއް ފަރާތްތައް ޖޫރިމަނާކޮށްފައިކަމަށެވެ.

ރޯދަހުގެ ފުރަތަމަ ތިންދުވަސް މާލޭގެ ބާޒާރުމަތި ސަރަޙައްދު ދިޔައީ ވަރަށް އަމާންކޮށްކަމަށް ފުލުހުންވެސް ފާހަގަކުރެއެވެ. އެގޮތުން ރޯދަމަހުގެ މެންދުރު 12:30 އިން 18:30އަށް އެ ސަރަޙައްދުގެ މަގުތަކަށް 4 ފުރޮޅުލީ އުޅަނދު ވަނުން މަނާކޮށް، މަގުމަތި ޕެޓްރޯލް ކުރުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.

މީގެއިތުރުން ތޮއްޖެހުން ކުޑަކުރުމަށް އެސަރަހައްދުގައި ޤަވާއިދާ ހިލާފަށް ޕާކްކޮށްފައި ހުރި ވެހިކަލްތައް ނެގުމާއި ޕާކު ކުރުމަށް ޚާއްސަ ސަރަޙައްދުތައްވަނީ ކަނޑައަޅާފައެވެ.
އަދި މާރުކޭޓު ކުރިމަތި ޕޭވްމަންޓްގައި ވެހިކަލްތަކަށް ޕާކް ނުކުރެވޭ ގޮތް ހެދުމަށް އެތަނުގައިވަނީ ބޮލާޑްވެސް ވަނީ ޖަހާފައެވެ. މީގެއިތުރުން މުދާ އުފުލުމަށް ޚާއްސަ ގަޑިތަކެއް ކަނޑައަޅައި، ވަކި ޕޮއިންޓްތަކެއްވެސް ވަނީ ކަނޑައަޅާފައެވެ.