ޚަބަރު

އެމްޓީޑީސީއަށް ސާފްފައިދާގެ ގޮތުގައި 5.6 މިލިއަން ރުފިޔާ!


މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެމްޓީޑީސީއަށް ސާފްފައިދާގެ ގޮތުގައި 5.6 މިލިއަން ރުފިޔާ ލިބިއްޖެއެވެ.

މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްޓީޑީސީން އާއްމުކޮށްފައިވާ އެކުންފުނީގެ މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތައް ދައްކާގޮތުން އެ ކުއާޓަރުގައި އާމްދަނީގެ ގޮތުގައިވަނީ 1.1 މިލިއަން ޑޮލަރު ނުވަތަ 17 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ.

ޓެކްސްއަށް ކެނޑުމުގެ ކުރިން 6.6 މިލިއަން ރުފިޔާގެ ފައިދާއެއްވެފައިވާ އިރު، ޓެކްސްއަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި އެމްޓީޑީސީއަށް ލިބިފައިވަނީ 5.6 މިލިއަން ރުފިޔާއެވެ.

އެމްޓީޑީސީއަށް ހުސްވި އަހަރުގެ ފަހު ކުއާޓަރުގައިވެސް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 17 މިލިއަން ރުފިޔާއެވެ. އަދި ސާފު ފައިދާގެ ގޮތުގައި އެ ކުއާޓަރގައި ލިބިފައިވަނީ ފަހެއް ޕޮއިންޓް ތިނެއް މިލިއަން ރުފިޔާއެވެ.

އެމްޓީޑީސީއަކީ ފަތުރުވެރިކަމުގެ މަންފާ ދިވެހި ރައްޔިތުންނަށް ސީދާގޮތެއްގައި ހޯދައިދިނުމަށްޓަކައި ސަރުކާރުން 2006 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ. އެމްޓީޑީސީ އުފެއްދިތާ މިއަހަރަށް 13 އަހަރު ވެގެންދާއިރު، އެކުންފުނި އުފެއްދި ހަޤީޤީ މަޤްސަދު ހާސިލްވަމުން އަދިވެސް ނުދާކަމަށް އެކުންފުނީގެ އާއްމު ހިއްސާދާރުން ބުނެއެވެ.