ޚަބަރު

މާޅޮހުގެ ހިތްފަސޭހަކަމާއި، ދޮންދަނބުރުކުގެ ވާހަކަ


ދިވެހިރާއްޖޭގެ ކޮންމެ ރަށަކީވެސް ޤުދުރަތީގޮތުން ތަފާތު ކަންތައްތަކެއްގެ މައްޗަށް އެކުލެވިގެންވާ ރަށެކެވެ. ރާއްޖޭގެ ކޮންމެ ރަށެއްވެސް އެއްރަށް އަނެއްރަށާއި ތަފާތެވެ. ދިރިއުޅުމުގެ ވައްޓަފާޅި އާއި މީހުންގެ ވިސްނުމާއި ލޯބިކުރާ ކަންތައްތަކެވެ.

އަޅުގަނޑަކީ ނޫސްވެރިއަކަށްވުމުން ރާއްޖޭގެ އަތޮޅުތަކުގެ އެކިއެކި ރަށްރަށަށް ދަތުރުކުރުމުގެ ފުރުސަތު ވަރަށް ފަސޭހައިން ލިބެއެވެ. މިގޮތުން ކުރާ ދަތުރުތަކުގައި ކޮންމެ ރަށަކުންވެސް ކުރެވެނީ ތަފާތު ތަޖުރިބާތަކެކެވެ.

ބ. އަތޮޅު މާޅޮސް – ތަފާތުރަށެއް

މާޅޮހަށް ކުރި ދަތުރެއްގައި އަޅުގަނޑަށް އެންމެބޮޑަށް ފާހަގަކުރެވުނުކަމަކީ އެރަށުގައި ދޮންދަނބުރުއް ގިނަކަމެވެ. ކޮންމެ ގެއެއްގައި ދޮންދަނބުރުއް ހުރެއެވެ. އެންމެ ރުކެއް ނޫނެވެ. ރަށުގެ ކޮންމެ މީހަކުވެސް އެމީހެއްގެ ގެވަޅުގައި ދަނބުރުކު ކާށި އިންދުމަކީ މާޅޮހުގެ ކޮންމެ ރައްޔިތެއްގެވެސް ހޮބީއެއްކަހަލައެވެ.

މިރަށުގައި ދޮންދަނބު ހަތަރު ނޫނީ ފަސް ރުއް ނުހުންނަ ގެއެއް މަދުވާނެއެވެ. މި ރުއްތަކުން ލިބެނީ ހަމައެކަނި ރުކުގައި އަޅާ ކުރުނބާގެ ފޮނިމީރުކަން އެކަންޏެއްނޫނެވެ. މި ރުއްތަކުން މާލީގޮތުން ލިބޭ ނަފާވެސް އެހާމެ ބޮޑެވެ.

މާޅޮހުގެ ކުރުނބާ ވިޔަފާރި

މާޅޮހަކީ ރުއްގިނަ ރަށެކެވެ. ހާއްސަގޮތެއްގައި ދޮންދަނބުރުކެވެ. ސަޅިކަނޑާނަމަ މިރަށުގެ އާބާދީއަށްވުރެ ދޮންދަނބުރުއް ގިނައޭ ބުނެވިދާނެއެވެ. މާޅޮސް ކައިރީގައި ރިސޯޓުތައް ހުރެއެވެ. ރަށުގެ ރުއްތަކުގައި އަޅާ ކުރުނބާ މުޅިންކަހަލަ ގޮތަކަށް ވިއްކަނީ، ކައިރީގައި އޮންނަ ރިސޯޓްތަކަށެވެ. ބައެއް ފަހަރު ކައިރި ރަށްރަށަށްވެސް ކުރުނބާ ގެންގޮސް ވިއްކައެވެ.

ބ އަތޮޅުގައި ފުޅާދާއިރާއެއްގައި ކުރުނބާގެ ވިޔަފާރި ކުރަމުންއަންނަ މާޅޮހަށް އުފަން ޢަބްދުލް ޤާދިރު ޔޫސުފް ނުވަތަ ރައްޓެހިން ކިޔާގޮތުންނަމަ މާޅޮހު ގާދިރު ބުނީ، ކުރުނބާގެ ވިޔަފާރިކޮށްގެން ރަށަށް ރަނގަޅު އާމްދަނީއެއް ލިބޭކަމަށެވެ.

"ރަށުގަ ކުރުނބައެއް ވިއްކަނީ 15 ރުފިޔާއަށް. ރިސޯޓަށް ނަމަ 20 ރުފިޔާއަށް. މިދިޔަ ޓޫރިޒަމް ސީޒަނުގައި މަހެއްގެ މައްޗަށް މިރަށުން ދެހާސް ނުވަތަ ތިންހާހެއްހާ ކުރުނބާ ރިސޯޓުތަކަށް ވިއްކަން ފޮނުވިފަ ހުންނާނީ. މިރަށުގެ ހުރިހާ ގެއެއްގައި ދޮންދަނބުރުކު ކުރުނބާ ހުންނާނެ. އެ ރުއްތަކުން އެމީހުނަސް އާމްދަނީ ލިބޭނެ" ގާދިރު ބުންޏެވެ.

ކުރުނބަލުގެ މެހެމާންދާރީ

މާޅޮހަށްކުރި ދަތުރުގައި އަޅުގަނޑަށް އެންމެ ފާހަގަވި އެއްކަމަކީ، ކޮންމެ ގެއަކަށް ދެވުނު ނަމަވެސް ކުރުނބައެއް ބޯލައިގެން ނޫނީ އެގެއަކުން ނުނިކުމެވުމެވެ. އެވަރަކުން ނިމުނީކީ ނޫނެވެ. ގެއިން ނިކުންނައިރުވެސް ހަދިޔާގެ ގޮތުގައި ދެތިން ކުރުނބާ ހިފައިގެންނޫނީ ނުނިކުމެވެއެވެ.

"މިރަށު ކޮންމެ ގެއަކަށް ވަނަސް ކުރުނބާ ލިބޭނެ. އަނެއްކާ ރަމަޟާން މަހުވެސް ރޯދަ ވީއްލާވަގުތުގައި ކޮންމެ ގެއެއްގައި ކުރުނބާ ފަނި ހުންނާނެ. ކުރުނބާ ފަނި ތައްޔާރުކޮށް ނިމުނީމައި، ދެން އެހެން ފަންޏެއް ތައްޔާރުކުރާނީވެސް" ގޮލްފްގޭ ފަރީދާ ބުންޏެވެ. ފަރީދާއަކީ ގާދިރުގެ އަންހެނުންނެވެ. ގާދިރުގެ ދެމަފިރިންގެ ފަރާތުން އަޅުގަނޑަށް ލިބުނު ފުރިހަމަ މެހެމާންދާރީންވެސް ރަށުގެ ރައްޔިތުންގެ ހިތްހެޔޮކަން ތަސައްވަރު ކުރެވުނެވެ.

ދެވަނަ ފަހަރަށްވެސް މާޅޮހަށް ދާހިތްވަނީ މިހެންވެ!

މާޅޮހަކީ ހިތްފަސޭހަ ހިތްހެޔޮ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެކެވެ. ރަށު ރައްޔިތުންގެ މެހެމާންދާރީގެ ރަނގަޅުވާހަކައަކީ އެރަށަށް ޒިޔާރަތްކުރާ މީހުން ފާހަގަކުރާ ކަމެކެވެ. މީގެއިތުރުން ރަށުގެ އަތިރިމަތީގެ ހިތްފަސޭހަކަން، ދޮންދަނބުރުކު ކުރުނބާގެ މީރުކަން އަދި ކިއެއްތަ ރަށު މީހުންގެ ރަނގަޅުކަމަށް ވަކި ދުލެއް ނުކުރެއެވެ.

ރަށަށް ޒިޔާރަތްކުރާ ބީރައްޓެހިންނާއި ފަތުރުވެރިންގެ މެދުގައި ރަށުގެ އަތިރިމައްޗަކީ ދުނިޔެމަތީ ސުވަރުގެއެއްފަދަ ތަނެކެވެ. އަތިރިމަތި ސާފްތާހިރުކަމާއި ދޮންވެލިގަނޑުގެ ހުދުކަމެވެ. ވެލިރާޅުފަށު ހުރެ ބަލާލުމުން ރާއްޖޭގެ ޖަޒީރާވަންތަކަން ކިތަންމެ ރަނގަޅަކަށްވެސް އިހްސާސްކުރެވެއެވެ. ކުރިމަތިން ފެންނަނީ މަޑު ނޫ ވިލުތަކާއި، ފަޅުރަށްތަކުގެ އިތުރުން ރިސޯޓްތަކެވެ.