އީރާނުގެ ފަރާތުން އެމެރިކާއަށް ލިބެމުންދާ އިންޒާރުތަކުގެ ސަބަބުން އެމެރިކާއިން މެދު އިރުމަތީގެ ސަރަހައްދުތަކަށް އެ ޤައުމުގެ ކަނޑުގެ އަސްކަރީ ބައެއް އުޅަނދުތައް ފޮނުވަން ނިންމާފައިވާކަމަށް އެމެރިކާގެ ޤައުމީ ސަލާމަތާ ބެހޭ މުޝީރު ޖޯން ބޯލްޓަން ވިދާޅުވެއްޖެއެވެ.
ދެ ޤައުމުގެ ދެމެދު އަނެއްކާވެސް ނުތަނަވަސްކަން އިތުރުވެފައިވާ މިދަނޑިވަޅުގައި ނެރުއްވި ބަޔާނެއްގައި ބޯލްޓަން ވިދާޅުވީ، އެމެރިކާއިން އީރާނުގެ ސަރުކާރާއެކު ހަނގުރާމަކުރަން ބޭނުންނުވާ ކަމަށެވެ. އެހެންނަމަވެސް އީރާނުން ފަހަތުގައި އޮވެ، އެމެރިކާއަށް އަމާޒުކޮށްގެން ދޭ ކޮންމެ ހަމަލާއެއްގެ ރައްދުގައި އެމެރިކާއިންވެސް ވަރުގަދަ ފިޔަވަޅުތައް އަޅާނެކަމަށް ބޯލްޓަންގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމެރިކާގެ ކަނޑުގެ އަސްކަރީ މަނަވަރުތައް މެދު އިރުމައްޗަށް ފޮނުވުމަކީ އެމެރިކާއިން އީރާނަށްދޭ ވަރުގަދަ މެސެޖެއް ކަމަށް، ބޯލްޓަންގެ ބަޔާނުގައި ބުނެފައިވެއެވެ.
އެމެރިކާއިން ފަހަކަށް އައިސް އީރާނާ ދެކޮޅަށް އަޅާ ފިޔަވަޅުތައް އިތުރުކޮށްފައިވާއިރު އެ ޤައުމުން ވަނީ އީރާނުގެ ތެލުގެ ސިނާޢަތާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން ލުއި ލިބޭ ޖަމާޢަތްތަކަށް މިފަދަ ލުއިތައް ދިނުން މި މަހުގެ ތެރޭގައި ހުއްޓާލާނެކަމަށް ބުނެފައެވެ. އަދި މިއާއެކު ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ އަގު މިހާރު ވަނީ އުފުލިފައެވެ.