ޚަބަރު

ކާށިދޫގައި ކޮޕީފަތް ހިތަކަށް!


ކޮޕީފަތަކީ ރަމަޟާންމަހު ކެއުމުގެ ސުފުރާ މައްޗަށް ކޮންމެހެންވެސް ބޭނުންވާ އެއްބާވަތަށް އޮންނަނީވެފައެވެ. ކޮޕީފަތަކީ ދިވެހިންނަށް ވަރަށް ޚާއްސަ އެއްޗެކެވެ. ރޯދަ ވީއްލުމަށް ތައްޔާރުކުރާ ބައެއް ބާވަތްތައް ހެދުމަށް ކޮޕީފަތުގެ ދައުރު ވަރަށްބޮޑެވެ.

އެގޮތުން ކޮޕީފަތް ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހު އެ އެއްޗެއްގެ އަގު ވަރަށްބޮޑަށް އުފުލޭ އެއްޗަކަށެވެ. އާދައިގެ މަސްމަހު ދަތުރުވެރިންގެ މާރުކޭޓުގައި 10 ރުފިޔާއަށް ފަސް ފަތް ލިބޭއިރު ރަމަޟާންމަހު ތިން ފަތްހިމެނޭ ކޮޕީފަތް ބޮނޑިއެއް ވިއްކަނީ ޢާއްމުކޮށް 25 ރުފިޔާއަށެވެ.

ކާށިދޫގައި ކޮޕީފަތް ހިތަކަށް!

މިފަހަރުގެ ރަމަޟާންމަހަށް އެންމެ ގިނައިން ކޮޕީފަތް ހެއްދި ރަށްރަށުގެ ތެރެއިން އެއް ރަށަކީ މާލެއަތޮޅު ކާށިދޫއެވެ. ރަމަޟާންމަސް ފެށުމުގެ ހަފްތާއެއްހައި ދުވަސްކުރިން ކާށިދުއަށް ދިއުމުގެ ފުރުސަތު ލިބުނެވެ. ބިންބޮޑު މިރަށުގައި މިފަހަރު ރޯދައަށް އެންމެގިނައިން ހައްދާފައިހުރީ ކޮޕީފަތާއި ފަތްކޭލެވެ.

ކާށިދޫ ދަނޑުވެރިއެއްކަމަށްވާ ނައީމްބެ ބުނީ، މިފަހަރުގެ ރަމަޟާންމަހަށް މާލޭ ބާޒާރަށް އެކަށީގެންވާ މިންވަަރަކަށް ކާށިދޫން ކޮޕީފަތް ލިބޭނޭކަމަށެވެ. ކާށިދޫ ވަލުތެރެއާއި ދަނޑުބިންތަކުގެ އިތުރުން މީހުން ދިރިއުޅޭ ގޯތިތަކުގައިވެސް ގިނަ ޢަދަދަކަށް ކޮޕީފަތް ހައްދާފައިވެއެވެ.

ކާށިދޫގައި ކޮޕީފަތުގެ އަގު

ކާށިދޫގައި ކޮޕީފަތް، ހިތަކަށް ލިބެން އެބައޮތެވެ. އެހެންކަމުން އެރަށުގައި ކޮޕީފަތް ވިއްކަނީ ވަރަށް އަގުހެޔޮކޮށެވެ. ކާށިދޫގައި ކޮޕީފަތެއް ވިއްކަނީ ފަތެއް 33 ލާރިއަށެވެ. ރަށުން ބޭރަށް ވިޔަފާރީގެ އުސޫލުން ސަޕްލައިކުރާނަމަ ކޮޕީފަތެއް 1 ރުފިޔާއަށް ލިބެއެވެ.

"މިފަހަރު ހިއެއްނުވޭ މާލޭ ބާޒާރުގައި މިދިޔަ އަހަރުގެ ރަމަޟާންމަހު ކޮޕީފަތުގެ އަގުތައް މައްޗަށްދިޔަވަރަށް މައްޗަށްދާނެހެނެއް. އެއީ ކާށިދޫން ފުދޭވަރަކަށް ފަތް ލިބޭނެ. ކާށިދޫގެ އިތުރުންވެސް އެހެން ރަށްރަށުންވެސް މާލޭ ބާޒާރަށް ކޮޕީފަތް ގެންދާނެ ނޫންތޯ؟ މިއަދު ނޫނީ މާދަމާ ކާށިދޫން ގިނަ ޢަދަދަކަށް ކޮޕީފަތް މާލޭ ބާޒާރަށް ފޮނުވޭވަރުވާނެ. މިހާރުވެސް ދަތުރުވެރިންގެ މާރުކޭޓުގައި ކާށިދޫ ކޮޕީފަތް ހުންނާނެ" ނައީމްބެ ބުންޏެވެ.

މާލޭ ބާޒާރުގައި ކޮޕީފަތުގެ އަގު ކިހިނެތް؟

ދަތުރުވެރިންގެ މާރުކޭޓުގެ މިއަދުގެ އަގުތަކަށް ބަލާއިރު، 3 ފަތުގެ ކޮޕީފަތް ބޮނޑިއެއް 10 ރުފިޔާ އާއި ފަނަރަ ރުފިޔާއަށް ލިބެން އެބަހުއްޓެވެ. މިއީ މިދިޔަ ރަމަޟާންމަހާއި އަޅާބަލާއިރު ހެޔޮ އަގެކެވެ. މިދިޔަ އަހަރުގެ ރަމަޟާންމަސް ފެށުނުއިރު ދަތުރުވެރިންގެ މާރުކޭޓުގައި 3 ފަތުގެ ކޮޕީފަތް ބޮނޑިއެއް އެންމެ އަގުހެޔޮކޮށްވެސް ލިބެންހުރީ 20 ރުފިޔާއަށެވެ.

އެހެންކަމުން މިފަހަރުގެ ރަމަޟާންމަހު ދަތުރުވެރިންގެ މާރުކޭޓުގައި ކޮޕީފަތުގެ އަގުތައް މައްޗަށް ނުގޮސް މިހާރުހުރި އަގުގައި ރަމަޟާންމަސް ނިމެންދެން ހުއްނާނެކަމަށް ބަލަމާ ހިނގާށެވެ. މިއީ ހަމަ ގައިމުވެސް ލިބިގެންދާނެ ވަރަށްބޮޑު ހިތްހަމަ ޖެހުމަކަށްވާނެއެވެ.