ޚަބަރު

ޑްރައިވަރެއް ނިދާފައި އިނދެ ދުއްވި ބަހަކުން ޖެހި ބިދޭސީ އަކު މަރުވެއްޖެ


ހުޅުމާލޭގައި ދުއްވާފައި ދިިޔަ ބަހެއްގެ ޑްރައިވަރަށް ނިދި ޖެހިގެން ހިނގި އެކްސިޑެންޓެއްގައި ބަސް ދަށުވެ ޔުކްރޭއިނުގެ ފަތުރުވެރިޔަކު މަރުވެއްޖެއެވެ. މި ހާދިސާގައި މަރުވެފައިވަނީ ރާޢްޖެއިން އައިސް އުޅުނު އުމުރުން 31 އަހަރުގެ ޔުކްރެއިން އަންހެނެކެވެ.

ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ މިއަދު 6:37 ކަންހާއިރު ހުޅުމާލޭ ފިތުރޯނު މަގުން އެފްއެސްއެމް ފިއުލް ސަޕްލައި ސްޓޭޝަން ކައިރިން ދުއްވާފައި ދިޔަ އެމްޓީސީގެ ބަހަކުން ޖެހިކަމަށެވެ. މި އެކްސިޑެންޓް ހިނގި އިރު ހުޅުމާލޭގައި ދުއްވާ މި ބަހުގައި މީހުން ތިބި ނަމަވެސް އޭގެއިން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް ފުލުހުން ބުނެއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ ޔުކްރެއިން އަންހެން މީހާއާއި އިތުރު އަންހެނަކު ހެނދުނު ހިނގާލަން ނުކުމެ އުޅެނިކޮށެވެ. އަދި ބަސް ކޮންޓްރޯލް ނުވެގެން އެމީހުންނާއި ދިމާލަށް ދާން ފެށުމުން ދެ މީހުންވެސް ދުއްވައިގެންކަމަށާއި ޔުކެރެއިން މީހާ ބަސްދަށުވީ މަގުގައި ހުރި ގާފޮޅެއްގައި އެނާގެ ފައި ތާށިވެ ވެއްޓުމުންކަމަށް އެނގިފައިވެއެވެ. އެމީހާގެ ގައިމަތިން އަރައިގެން ދިޔަ ބަސް ކޮންޓްރޯލްވެފައިވަނީ މަގު އެއްފަޅީގެ ޕޭމަންޓަށް އަރާ އެތަނުގައި ހުރި ވެލި ފުންޏެއްގައި ޖެހިފައިކަމަށްވެސް މަންޒަރު ދުށް މީހުން ބުނެއެވެ.

މި ހާދިސާގައި ބަސް ދުއްވަން އިނީ ލައިންސަންސް އޮތް ދިވެހި ފިރިހެނެއްކަމަށާއި އެނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.