ކުޅިވަރު

ގަދަ 4 ޔަގީންކޮށް ޗެލްސީ ޗެމްޕިއަންސް ލީގަށް ކޮލިފައިވެއްޖެ


ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއް ޔަގީންކޮށް، މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ޔަގީންކުރި ޕްރިމިއަރ ލީގުގެ ތިން ވަނަ ޓީމުގެ މަގާމް ޗެލްސީ ހޯދައިފިއެވެ.

ޗެލްސީ ގަދަ ހަތަރެއް ޔަގީން ކުރީ ޕްރިމިއަރ ލީގުގައި ވޮޓްފާޑް އާއި ބައްދަލުކުރި މެޗު ކާމިޔާބުކޮށް ލީގުގެ ގަދަ ހަތަރަކަށް ދެން މަސައްކަތް ކުރަމުންދާ ތިން ޓީމަށްވެސް އެޓީމް ކުޅުނު މެޗުތަކުން މޮޅު ނުވެވުމުންނެވެ.

ލީގުގައި އެއްމެޗު ބާކީއޮއްވާ ޗެމްޕިއަންސް ލީގުގެ ޖާގައެއް މައުރީޒިއޯ ސަރީގެ ޓީމުން ޔަގީންކުރީ ރޭ ކުޅުނު މެޗުގައި ވޮޓްފާޑް ތިނެއް ސުމަކުން ބަލިކޮށްގެންނެވެ. މިމެޗުގައި ޗެލްސީގެ ލަނޑުތައް އެޓީމަށް ކާމިޔާބުކޮށްދިނީ ރޮބެން ލޮފްޓަސް ޗީކް، ޑޭވިޑް ލުއިޒް އަދި ގޮންޒާލޯ ހިގުއެއިންއެވެ.

ޗެލްސީ އާއެކު ދެން ޕްރިމިއަރ ލީގުން ޗެމްޕިއަންސް ލީގުގެ ޖާގައެއް ކަށަވަރު ކޮށްފައިވާ ދެޓީމަކީ މިހާރު ލީގުގެ ޗެމްޕިއަން ކަމަށް ތަޅާ ފޮޅަމުންދާ ދެޓީމް ކަމުގައިވާ މެންޗެސްޓަރ ސިޓީ އާއި ލިވަޕޫލްއެވެ.