ކުޅިވަރު

ބަޔާން މޮޅުވެ ލީގު ޗެމްޕިއަންކަމާ ގާތަށް


ޖަރުމަނުގެ ބުންޑަސް ލީގުގައި ރޭ ހެންއޯވަރ ބަލިކޮށް ޖެހިޖެހިގެން ހަތްވަނަ ފަހަރަށް ލީގު ޗެމްޕިއަންކަން ހޯދުމާއި ގާތަށް ބަޔާން މިއުނިކް ޖެހިލައިފިއެވެ.

ބަޔާންގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ ތިނެއް އެކަކުންނެވެ. މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދދީ ބަޔާން މިޔުނިކުންނެވެ. މި ލަނޑު މެޗުގެ ހަތާވީސް ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ރޮބާޓް ލެވަންޑޮސްކީއެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ފަސް މިނެޓު ކުރިން ލިއޯން ގޮރެޓްޒްކާ ވަނީ އިތުރު ލަނޑެއް ބަޔާންއަށް ޖަހައިދީ ލީޑު ފުޅާކޮށްދީފައެވެ.

ހެންއޯވަރ އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑަކީ ޕެނަލްޓީ އޭރިޔާ ތެރެއިން ބަޔާންގެ ކުޅުންތެރިއެއްގެ އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. މި ލަނޑު މެޗުގެ ފަންސާސް އެއްވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ޖޮނަތަސްއެވެ. ލަނޑު ޖެހުމަށްފަހު ފަސްމިނެޓް ތެރޭގައި ކުރި ފައުލްތަކުގެ ސަބަބުން ދެ ރީންދޫ ކާޑާއެކު ރެފްރީ ވަނީ އޭނާއަށް ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލާފައެވެ.

މި މެޗުގައި ބަޔާންއިން ޖެހި ތިން ވަނަ ލަނޑު މެޗުގެ އަށްޑިހަ ހަތަރު ވަނަ މިނެޓުގައި އެޓީމަށް ޖަހައިދިނީ ފްރޭންކް ރިބަރީއެވެ.

މި މެޗުން މޮޅުވެ ލިބުނު ތިން ޕޮއިންޓާއެކު ޖުމްލަ ހަތްދިހަ ހަތަރު ޕޮއިންޓާއެކު ބަޔާން އޮތީ ލީގުގެ އެއްވަނައިގައެވެ. ދެވަނައިގައި ބޮރޯޝިއާ ޑޯޓްމަންޑް އޮތީ ހަތްދިހަ ޕޮއިންޓާއެކުއެވެ. ޑޯޓްމަންޓް އެންމެ ފަހުން ކުޅުނު މެޗުވެސް ނިމުނީ ދޭއް ދޭކުން ދެޓީމް އެއްވަރުވެގެންނެވެ.