ޚަބަރު

ދިވެހި ކޯޗުންނަކީ ވަރަށް ގާބިލް ބައެއް - ޝާޒްލީ


ރާއްޖޭގައި މަސައްކަތް ކުރާ ދިވެހި ކޯޗުންނަކީވެސް ވަރަށް ގާބިލް ކޯޗުންތަކެއްކަމަށް ރާއްޖޭގައި އެންމެ ފުރަތަމަ އޭއެފްސީ ޕްރޯ ލައިސަންސް ނެގި ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ.

ފުޓްބޯޅައިގެ އެންމެ މަތީ ކޯޗިން ލައިސަންސް ކަމަށްވާ އޭއެފްސީ ޕްރޯ ލައިސަންސް ސެޓްފިކެޓް ނެގި ފުރަތަމަ ކޯޗްއަކަށް ޝާޒްލީ ވެގެންގޮސްފައިވާއިރު މިދިޔަ އަހަރު ކުލަބް އީގަލްސްއަށް ކޯޗްކޮށްދިން މުހައްމަދު ޝިޔާޒް (މޯހަން)ވެސް މިހާރު އަންނަނީ އޭއެފްސީ ޕްރޯ ލައިސަންސް ކޯސް ހަދަމުންނެވެ.

ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޕްރޮގްރާމްގައި ވާހަކަދައްކަމުން މުހައްމަދު ޝާޒްލީ ބުނީ ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީ ބައެއް ކޯޗުންނަށް ވުރެއް ރާއްޖޭގެ ކޯޗުން މާމޮޅުކަމަށާއި އަދި ކުޅުންތެރިން މެނޭޖްކުރުމުގައި ރާއްޖޭގެ ކޯޗުން މާރަގަނޅުކަމަށްވެސް ޝާޒްލީ ބުނިފިއެވެ.

ފުޓްބޯޅަ ރާއްޖޭގައި ކުރިއަރުވަން ބޭނުންކަމަށްވާނަމަ ރާއްޖޭގެ ކޯޗުންގެ ހިއްސާ ވަރަށް ބޮޑުކަމަށާއި މިހާރު ރާއްޖޭގައިވެސް އޭ ލައިސަންސް ނަގާފައިވާ ކޯޗުން މަދުނުވާނެކަމަށް ޝާޒްލީ ބުނެފިއެވެ. އަދި މިހާރު އޭއެފްސީ ޕްރޯ ލައިސަންސް ނަގަން ރާއްޖޭގެ ކޯޗުން މަސައްކަތް ކުރުމަކީވެސް ރާއްޖޭގެ ފުޓްބޯޅައަށް ކުރިއެރުންތަކެއް ލިބިގެންދާނެކަމެއްކަމަށް ޝާޒްލީ ބުނެފިއެވެ.

ހާއްސަކޮށް މިހާރު ފުޓްބޯޅައަކީވެސް ކިޔަވައިގެން މަސައްކަތް ކުރެވޭ ދާއިރާއެއްކަމަށާއި އޭއެފްސީ ޕްރޯ ލައިސަންސްއަކީ ރާއްޖޭގެ ކޮންމެ ކޯޗްއަކަށްވެސް މަސައްކަތްކޮށްފިނަމަ ނެގޭނެ ލައިސަންސްއެއްކަމަށް ރާއްޖޭގައި އެންމެ ފުރަތަމަ އޭއެފްސީ ޕްރޯ ލައިސަންސް ނެގި ކޯޗް މުހައްމަދު ޝާޒްލީ ބުނެފިއެވެ.

އޭއެފްސީ ޕްރޯ ލައިސަންސް އަކީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ސެޓްފިކެޓްއެކެވެ. މިއީ އޭ ލައިސަންސް އަށް ފަހު ދެން އޮންނަ، އަދި ފުޓްބޯޅައިގައި މިވަގުތު ނެގެން އޮންނަ އެންމެ މަތީ ލައިސަންސްއެވެ.

މިހާރު ޝާޒްލީއަށް ޖަޕާން، އިރާން އަދި މިޑިލް އީސްޓްގެ ގައުމްތަކާއި އޭޝިޔާގެ ކޮންމެ ގައުމްއެއްގައިވެސް އެންމެ މަތީ ފަންތީގައި ކޯޗް ކުރުމުގެ ދޮރުވަނީ ހުޅުވިފައިއެވެ.