ޚަބަރު

ބޮޑުއަގުގައި ތަކެތި ވިއްކައިގެން ލިބޭ ވަގުތީ ފައިދާއަށްވުރެ އާޚިރަތުގެ ދަރުމައަށް އިސްކަން ދިނުމަށް ރައީސް އިލްތިމާސްކުރައްވައިފި


ކާބޯތަކެއްޗާއި އެހެނިހެން މުދާ، ބޮޑު އަގުގައި ވިއްކައިގެން، ލިބޭނެ ވަގުތީ ފައިދާއަކަށް އިސްކަން ދިނުމުގެ ބަދަލުގައި، އާޚިރަތުގެ ދަރުމައާއި ޘަވާބަށް ވިސްނަވައި، ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމަށް، ރާއްޖޭގެ އެންމެހައި ވިޔަފާރިވެރީންނަށް ރައީސުލްޖުމްހޫރިއްޠާ އިލްތިމާސް ކުރައްވައިފިއެވެ.

އެމަނިކުފާނު މިފަދައިން އިލްތިމާސްކުރެއްވީ މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ތަހުނިޔާ ވިދާޅުވެ ދިވެހިރައްޔިތުންނަށް ފޮނުއްވި ޚިޠާބުގައެވެ.

އެމަނިކުފާނު ވިދާޅުވީ ރަމަޟާން މަސް އަޅުގަނޑުމެންނަށް ލިއްބައިދޭ އެންމެ މަތިވެރި ފިލާވަޅަކީ، އެކަކު އަނެކަކުގެ އިޙްސާސްތައް ދެނެގަތުމާއި، އެއްބަނޑުއެއްބަފާކަމުގެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމާއި، އެކަކު އަނެކަކަށް އަޅާލުމުގެ މުހިންމުކަން ކަމުގައެވެ. އަދި ކެތްތެރިވުމާއި އަނެކުންނަށް މަޢާފްކުރުމާއި، ހިތްތިރިކޮށް މަޑުމައިތިރިވުމަކީ، ރޯދައިގެ އަޅުކަން އަޅުގަނޑުމެންނަށް ބާރުއަޅާ އެންމެ މުހިންމު ކަންތައްތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އަނެކުންނަށް އެހީތެރިވުމާއި ދީލަތިވުމަކީ، ރަމަޟާން މަހުގައި އަޅުގަނޑުމެންގެ ކިބައިގައި ކޮންމެހެން ހަރުލައްވަންޖެހޭ ސިފަތަކެއްކަމަށެވެ.

އެހެންކަމުން ކޮންމެ ކަމެއްގައި މިކަންކަމަށް ސަމާލުކަން ދިނުމަކީ ވަރަށް ބޭނުންތެރި ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކާބޯތަކެއްޗާއި އެހެނިހެން މުދާ، ބޮޑު އަގުގައި ވިއްކައިގެން، ލިބޭނެ ވަގުތީ ފައިދާއަކަށް އެކަނި އިސްކަން ދިނުމުގެ ބަދަލުގައި، އާޚިރަތުގެ ދަރުމައާއި ޘަވާބަށް ވިސްނަވައި، ދީލަތިކަމާއި އޯގާތެރިކަން އިސްކުރުމަށް، ރާއްޖޭގެ އެންމެހައި ވިޔަފާރިވެރީންނަށް އެމަނިކުފާނުވަނީ އިލްތިމާސް ކުރައްވާފައެވެ.

އަދި މިފަދަ ބަރަކާތްތެރި މައްސަރަކާ އަޅުގަނޑުމެން ކުރިމަތިލާއިރު، އިސްލާމްދީނުގެ އިޖްތިމާޢީ އަގުތައް، އޭގެ އެންމެ ފުރިހަމަގޮތުގައި ދެމެހެއްޓުމަށް، އިތުރު ސަމާލުކަމެއް ދޭންޖެހޭނެކަން ފާހަގަކުރައްވައި ރައީސް ވިދާޅުވެފައިވަނީ މުޖުތަމަޢުގެ ރީތި ހަމަތަކާއި އަދަބުތަކަށް ޙުރުމަތްތެރިކޮށްހިތައި، ޤާނޫނުތަކަށާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލެނބުމުގެ ރޫޙު އަށަގެންނެވުމަކީވެސް، އިސްލާމީ މިފަދަ މުނާސަބަތެއްގައި އަޅުގަނޑުމެން އާލާކޮށް ދިރުވަންޖެހޭނެ ކަންކަންކަމަށެވެ.