ޚަބަރު

ފަލަކީހިސާބު ދައްކާގޮތުން، ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ހޯމަ ދުވަސް


ކޮންމެ ރަމަޟާންމަހެއްގެވެސް ރޯދަ ހިފަން ފެށުމުގެ ކުރިން ރަމަޟާންމަހުގެ ހަނދު ސާބިތުކުރަންޖެހެއެވެ. ކޮންމެ ހަނދުމަހެއްގެވެސް ދިގުމިނަކީ ކުރުވެގެން 29 ދުވަސް އަދި ދިގުވެގެން 30 ދުވަހެވެ. އެހެންކަމުން ރަމަޟާންމަހުގެ ކުރީމަސް ޝައުބާން މަސް ނިމެނީ 29 އިންތޯ ނުވަތަ 30 ހަމަވޭތޯ ޔަޤީން ކުރަންޖެހެއެވެ.

މިއަދަކީ ރާއްޖެއަށް މިއަހަރުގެ ޝަޢުބާން މަހުގެ 29 ވަނަ ދުވަހެވެ. އެހެންކަމުން މިއަދު މިއީ މިމަހުގެ ފަހުދުވަސްތޯ ޔަޤީންކުރުމަށްފަހު އެހެންވެއްޖެނަމަ މާދަމާ ރަމަޟާންމަސް ފެށޭނެއެވެ. ފަރުޟު ރޯދަ ހިފަން ފަށަން ޖެހޭނެއެވެ. މިރޭ ހަނދު ނުފެނިއްޖެނަމަ މާދަމާއަކީ ޝައުބާން މަހުގެ 30ވަނަ ދުވަސްކަމަށް ކަނޑައަޅައި ރަމަޟާން މަހުގެ ފުރަތަމަދުވަހަކީ މާދަމާ ނޫން އަނެއްދުވަސް ކަމުގައި ކަނޑައަޅަންޖެހޭނެއެވެ.

މިޒަމާނުގައި ރާއްޖޭގައިވެސް އަދި އިސްލާމީ ބޮޑެތި އެހެން ޤައުމުތަކުގައިވެސް ހަނދުބެލުމުގައި ބުރަވަނީ އިތުބާރުހުރި ފަލަކީ ހިސާބަށެވެ. މިހެންހަދަނީ ޢަމަލީގޮތުން ހަނދުބަލާއިރު، އުދަރެހުގައި ވިލާގިނަނަމަ ހަނދު ހުއްޓަސް ހަނދު ފެނުމުގެ ފުރުސަރު ކުޑަވާތީއެވެ. ނަމާދު ވަގުތު ބެލުމާއި މިނޫންވެސް ވަރަށްގިނަ ކަންކަމުގައި އިސްލާމީ ޤައުމުތަކުގައި ފަލަކީ ހިސާބަށް ބަރޯސާވެއެވެ.

ފަލަކީ ހިސާބުން ދައްކާ ގޮތުގައި، މާލެއަށް މިއަދުގެ އިރު އޮއްސުމުގެ 20 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. އަދި ރާއްޖޭގެ އެންމެ ދެކުނަށް މިއަދުގެ އިރު އޮއްސުމުގެ 17 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ. ރާއްޖޭގެ އެންމެ އުތުރަށް، މިއަދުގެ އިރު އޮއްސުމުގެ ގާތްގަނޑަކަށް 20 މިނެޓް ކުރިން ހަނދު އޮއްސޭނެ އެވެ.

މިއަދުގެ އިރުއޮއްސުމުގެ 20 މިނެޓް ކުރިން މާލެއަށް ހަނދު އޮއްސޭނެކަމަށް ފަލަކީ ހިސާބުން ދައްކައެވެ. އަދި ރާއްޖޭގެ އެހެން ހިސާބުތަކަށްވެސް އިރު އޮއްސުމުގެ މާކުރިން ހަނދު އޮއްސޭނެކަމަށް ފަލަކީ ހިސާބުން ދައްކައެވެ.

އިސްލާމީ އެހެން ޤައުމުތަކަށް ބަލާއިރު، އިންޑޮނީޝިޔާ، ސެނެގޯލް، ތުރުކީ، ސަޢޫދީ ޢަރަބިއްޔާ، މިޞްރު މިހުރިހާ ޤައުމަށްވެސް ރު އޮއްސުމުގެ މާކުރިން ހަނދު އޮއްސޭނެއެވެ. އެހެންކަމުން ފަލަކީހިސާބު ދައްކާގޮތުން، ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ ހޯމަ ދުވަހެވެ. އަދި މާދަމާއަކީ ޝައުބާން މަހުގެ ފަހުދުވަހެވެ.