ޚަބަރު

ބީ.އެމް.އެލް މޮޅު ކޮށްދިނީ ކީޕަރު - ވެމްކޯ


ކްލަބް މޯލްޑިވްސް ކަޕް ތަށި ބީ.އެމް.އެލްއަށް ހޯދައިދިނުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރި ކުޅުންތެރިއަކީ ޔުނައިޓެޑް ބީ.އެމް.އެލް ޓީމުގެ ގޯލްކީޕަރު އަހުމަދު ޝަފީއު ކަމަށް ކްލަބް ވެމްކޯގެ ކޯޗު އަހުމަދު ނިސާމް ބުނެފިއެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ބީ.އެމް.އެލް ހޯދީ ރޭ ކުޅުނު ފައިނަލް މެޗުގައި ހައެއް އެކަކުން ކްލަބް ވެމްކޯ ބަލިކުރުމަށްފަހުއެވެ. މެޗަށް ފަހު ވާހަކަ ދައްކަމުން ކްލަބް ވެމްކޯގެ ކޯޗު ނިސާމް ބުނީ ފައިނަލްގައި ބަލިވުމުގެ ނަސީބުވެސް ނެތުމުން ކަމަށާއި މެޗުގެ ނުވަދިހަ އިންސައްތަ ކުޅުނީ ވެމްކޯ ކަމަށެވެ. އަދި ބީ.އެމް.އެލް ފައިނަލްގައި މޮޅުވީ ކީޕަރު ޝަފީއުކުރި ގިނަ ސޭވްތަކުގެ ސަބަބުން ކަމަށެވެ. ފުޓްބޯޅާއިގައި އަންނަނީ މޮޅުވާ ދުވަހާއި މޮޅު ނުވާ ދުވަސް ކަމަށާއި ރޭގެ މެޗުގައި ބަލިވީ ޓީމު ވަރަށް މޮޅަށް ކުޅެގެން ކަމަށްވެސް ވެމްކޯގެ ކޯޗު އަހުމަދު ނިސާމް ފާހަގަކުރިއެވެ.

މުބާރާތުގެ ޗެމްޕިއަންކަން ހޯދި ޔުނައިޓެޑް ބީ.އެމް.އެލްގެ ކޯޗު އިސްމާއިލް އަނިލް މެޗަށް ފަހު ބުނީ ފައިނަލް މެޗުން މޮޅުވީ ވަރަށް ރަނގަޅަށް މެޗަށް ތައްޔާރުވެ އިދިކޮޅުން ކުޅުނު ޓީމުގެ ކުޅުން ދަސްކޮށްގެން ދަނޑަށް ނިކުތުމުން ކަމަށެވެ. އަދި މެޗުގެ ފެނިގެންދިޔައީ ޓީމު ބޭނުންވި ކުޅުން ކަމަށާއި މެޗުގެ ކުރީކޮޅު ގޯލެއް ޖެހުމުން ވަރަށް ފަސޭހަ ވެގެންދިޔަ ކަމަށެވެ. އަނިލް ބުނީ މުޅި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އަލީ ހާފިޒަކީ މިހާރު ރާއްޖޭގެ ފުޓްސަލް ރަސްގެފާނުކަން އޭނާ މިމުބާރާތުގައި ސާބިތުކޮށްދީފި ކަމަށާއި ހާފިޒް ބޭނުންކޮށްފައި ވަނީވެސް އޭނާ ފުރިހަމަ ހުނަރުތައް ބޭނުންކުރެވޭނެ ފަދަ ގޮތަކަށް ކަމަށާއި އެމަގު ފަހިކޮށްދިން ކަމަށެވެ.