ޚަބަރު

ބީ.އެމް.އެލްއިން ކުލަބް މޯލްޑިވްސް ކަޕް ކާމިޔާބުކޮށްފި


ފައިނަލްގައި ކްލަބް ވެމްކޯ ބަލިކޮށް ކްލަބް މޯލްޑިވްސް ކަޕްގެ ޗެމްޕިއަންކަން ޔުނައިޓެޑް ބީ.އެމް.އެލް ހޯދައިފިއެވެ. މިއީ ބީ.އެމް.އެލް މިމުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރުއެވެ. ފައިނަލް މެޗު ބީ.އެމް.އެލް ކާމިޔާބުކުރީ ހަޔެއް އެކެއްގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މިމެޗުގައި ބީ.އެމް.އެލް އިން ޖެހި 6 ލަނޑުގެ ތެރެއިން ފުރަތަމަ 3 ލަނޑު އެޓީމަށް ޖަހައިދިނީ ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި އަލީ ހާފިޒްއެވެ. ބީ.އެމް.އެލްގެ 4 ވަނަ ލަނޑުގައިވެސް އަލީ ހާފިޒްގެ ހިއްސާ ވަރަށް ބޮޑުއެވެ. ހާފިޒް ދިން ބޯޅައިން އެ ލަނޑު ކާމިޔާބުކޮށްދިނީ އިޝާން އިބްރާހިމްއެވެ. ބީ.އެމް.އެލްގެ އަނެއް 2 ލަނޑު ޖަހައިދިނީ ޓީމުގެ އެންމެ ފަހަތައް ކުޅެމުންދިޔައީ އިބްރާހިމް ސިނާޙްއެވެ. ކްލަބް ވެމްކޯއިން މިމެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފްގައި އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހިމް އަސްވަދުއެވެ.
މުޅި މުބާރާތުގެ ފެއާރ ޕްލޭ ކުޅުންތެރިއާގެ މަގާމް ހޯދީ ފައިނަލް މެޗުގައި ބީ.އެމް.އެލްގެ ފަހު 2 ލަނޑު ކާމިޔާބުކޮށްދިން ސިނާޙްއެވެ. މުބާރާތުގެ ފެއާރ ޕްލޭ ޓީމަކަށް ހޮވުނީ ޕްރިސަން ކުލަބުއެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ބީ.އެމް.އެލްގެ ކޯޗު އިސްމާއިލް އަނިލްއެވެ.
މުބާރާތުގެ އެންމެ މޮޅު 5 ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ބީ.އެމް.އެލްގެ ކެޕްޓަން އަދި ގޯލްކީޕަރު ޝަފީއު، އަލީ ހާފިޒު އިޝާން އިބްރާހިމްގެ އިތުރުން ކްލަބް ވެމްކޯގެ އިބްރާހިމް އަސްވަދު އަދި އަބްދުﷲ ޝައްފާންއެވެ.
ޖުމްލަ 13 ގޯލާއިއެކު މުޅި މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ މަގާމްވެސް ހޯދީ ވެމްކޯގެ އަބްދުﷲ ޝައްފާންއެވެ.
މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއާގެ މަގާމާއެކު ކިންގ އޮފް ފުޓްސަލްގެ ޝަރަފް ހޯދީ ޗެމްޕިއަން ބީ.އެމް.އެލްގެ ފޯވާޑް އަލީ ހާފިޒްއެވެ.