ޚަބަރު

ރޯދަމަހު އެމްޕީއެލްގެ ބަސް ދަތުރުގެ ގަޑިތަކަށް ބޮޑެތި ބަދަލުތަކެއް


ރޯދަމަހު ގްރޭޓަރ މާލޭ ރީޖަންގެ ބަސް ދަތުރުތައް ފަށާ ގަޑި ލަސްކޮށް، ރޭގަނޑުގެ ވަގުތުތަކުގައި ބަސް ދަތުރުކުރާ ގަޑިތައް އިތުރުވާނެކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އެމްޕީއެލްއިން ވިދާޅުވެއްޖެއެވެ.

އެމްޕީއެލްއިން ވިދާޅުވެފައިވަނީ މިހާރު ބަސްދަތުރުތައް އޮންނަނީ ފަތިހު 5:40ގައި ފެށި ނަމަވެސް، ރޯދަމަސް ފެށުމާއިއެކު، ބަސް ދަތުރުތައް ފަށާނީ ހެނދުނު 7ޖަހާއިރުއެވެ. ރީދަމަހުގެ ބަސްދަތުރުތައް ފެށުން ލަސްކޮސްފައިވަނީ ރޯދަމަހަކީ އޮފީސްތަކާއި، ސްކޫލްތަ ފަށާ ގަޑިވެސް ލަސް މަހަކަށްވާތީއެވެ.
އެމްޕީއެލްއިން ވިދާޅުވެފައިވަނީ 7:30އިން ފެށިގެން، މީހުން އިތުރުވާ ގަޑިތަކުގައި ކޮންމެ 10މިނެޓަކުން ބަސް ދަތުރުތައް ކުރާނެކަމަށެވެ. އަދި އެހެނިހެން ގަޑިތަކުގައި ބަސް ދަތުރުތައް އޮންނާނީ ކޮންމެ 15މިނެޓަކުން ކަމަށެވެ.

އެމްޕީއެލްއިންވަނީ ރޯދަމަހާ ދިމާކޮށް، ރޭގަނޑު ބަހުގެ ޚިދުމަތްދޭ ގަޑި އިތުރުކުރުމަށްވެސް ނިންމާފައިވާކަމަށެވެ. ރޯދަމަހު ބަހުގެ ޚިދުމަތް މެންދަމު 2ޖެހުމާހަމައަށް އޮންނާނެކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ. މިހާރު މާލޭއިން ހުޅުމާލެއަށް ދަތުރުކުރާ އެންމެ ފަހު ބަސް އޮންނަނީ މެންދަމު 1 ޖަހާއިރުއެވެ. އެހެންނަމަވެސް ރޯދަމަހު އެންމެ ފަހު ބަސް އޮންނާނީ މެންދަމު 2 ޖަހާއިރުކަމަށް އެމްޕީއެލްއިން މަޢުލޫމާތުދެއްވައެވެ. ރޯދަމަހު ބަހުގެ ޚިދުމަތްދޭ ގަޑިތަކަށް ބަދަލުގެނެސްފައިވަނީ، ޢާއްމުކޮށް މީހުން ބަހުގެ ޚިދުމަތްތައް ބޭނުންކުރާ ގަޑިތަކާއި ބޭނުންތަކަށް ބަލައިގެންކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

ގަޑިތަކަށް ބަދަލުގެނައުމުގައި އެންމެ ބޮޑަށް ބަލާފައިވަނީ ސްކޫލްތަކަށް ކުދިން ގެންދާ ވަގުތުތަކާއި، އޮފީސްތަކަށް މީހުން ދާ ވަގުތާއި ނިމޭވަގުތައް ބަލައިގެންނެވެ. އެމްޕީއެލްއިދަނީ މާލޭގެ އިތުރު ސަރަޙައްދަކަށް ބަސްދަތުރުތައް ފެށުމައްވެސް ތަޔާރުވަމުންނެވެ. އެއީ، ހުޅުމާލެއިން އަންނަ ބަސް މާލޭގެ ނަސަންދުރައާ ދިމާއަށް ދަތުރުކުރާގޮތަށެވެ.

އެމްޕީއެލްއިން ވިދާޅުވެފައިވަނީ މިޚިދުމަތް ނުފެށި ލަސަވަނީ އެ ސަރަޙައްދުން ބަސް އަނބުރާލެވޭނެ ފަސޭހަގޮތެއް މިހާރު ނެތުމުގެ ސަބަބުންކަމަށެވެ. ނަމަވެސް މިކަން ޙައްލުކޮށް އާ ސަރަހައްދަކުން ޚިދުމަތް ފެށުމަށުމަށް އެސަރަޙައްދުގެ މަގަށް، ގެންނަން ޖެހޭ ބަދަލުތަކާ ގުޅޭގޮތުން ޕްލޭނިންގ މިނިސްޓްރީއާއެކު މަޝްވަރާކުރަމުންދާކަމަށްވެސް އެމްޕީއެލުން ވިދާޅުވެއެވެ. އެމްޕީއެލްއިން ބަހުގެ ޚިދުމަތް ދިނުމަށް 22 ބަސް ގެނެސްފައިވާއިރު، 11 ސަރަޙައްދަކުން ދަތުރުކުރެއެވެ.