ޚަބަރު

ހެރިޓޭޖް ޓްރަސްޓް ފަންޑުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާ!


ސަރުކާރުގެ އަށް މިނިސްޓްރީ ހިމެނޭހެން "ހެރިޓޭޖް ޓްރަސްޓް ފަންޑް" ކޮމިޓީ އަލުން އެކުލަވާލައި ކޮމިޓީގެ މަސައްކަތްތައް ފަށައިފިއެވެ. ހެރިޓޭޖް ކޮމިޓީން ވަނީ، އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވާފައެވެ.

ހެރިޓޭޖް ޓްރަސްޓް ފަންޑް ކޮމިޓީއަކީ ތަރިކަ ހިމާޔަތްކުރުމާއި، ރައްކާތެރި ކުރުމަށް ކުރާ މަސައްކަތުގައި ޚިޔާލު ހޯދައި، ކަމާއި ގުޅޭ އިދާރާތަކުން ހެރިޓޭޖް ކުރިއެރުވުމަށް ކުރެވޭނެ މަސައްކަތްތައް ބެލުމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީއެކެވެ.

ހެރިޓޭޖް ޓްރަސްޓް ފަންޑް ކޮމިޓީގައި ހިމެނެނީ މިނިސްޓްރީ އޮފް އަރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް، މިނިސްޓްރީ އޮފް ޓޫރިޒަމް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ، މިނިސްޓްރީ އޮފް ހޯމް އެފެއާޒް، މިނިސްޓްރީ އޮފް އެންވާރަމެންޓް، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓާއި، މިނިސްޓްރީ އޮފް ފިނޭންސްއެވެ.

ހެރިޓޭޖް ޓްރަސްޓް ފަންޑް ކޮމިޓީ އެކުލަވާލުމުގެ މަޤްސަދަކީ، ތަރިކައާއި ސަޤާފަތް ޙިމާޔަތް ކުރުމުގެ މަސައްކަތަކަށް ބޭނުންވާ ފައިސާ ހޯދާނެގޮތާއި، ތަރިކަ ޙިމާޔަތްކުރުމަށް ލިބޭ ފައިސާ އެންމެ އެދެވޭ ގޮތުގައި ބޭނުންކުރާނެ ގޮތްތަކާއި ގުޅޭގޮތުން، މަސައްކަތްތަކުގެ ޒިންމާ އޮންނަ މިނިސްޓްރީތަކުގެ ލަފާ ހޯދައި، މަސައްކަތްތަކަށް ޢަމަލީ ސިފަ ގެނައުމެވެ.

ހެރިޓޭޖް ޓްރަސްޓް ފަނޑުގައި މިވަގުތު 1،039،225.08 ރުފިޔާ ހުރިކަމަށް ހެރިޓޭޖް މިނިސްޓްރީން މަޢުލޫމާތުދެއެވެ.

މި ފަންޑުގައި ހުރި ފައިސާއަކީ ޖަމިއްޔާ ޖަމާތްތަކުންނާއި، ވިޔަފާރިތަކުންނާއި، އެނޫންވެސް ފަރާތްތަކުން ރާއްޖޭގެ ތަރިކަ ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހަދިޔާކޮށްފައިވާ ފައިސާއެވެ. މީގެ އިތުރުން ޤައުމީ ދާރުލް އާސާރާއި، ހއ.އުތީމު ގަނޑުވަރުން ޓިކެޓް ވިއްކައިގެން ލިބޭ ފައިސާ ހިމެނެއެވެ.

ހެރިޓޭޖް މިނިސްޓްރީންވަނީ ތަރިކަ ޙިމާޔަތް ކުރުމުގެ މަސައްކަތަކަށް ޤާނޫނީ ބާރު ހޯދުމަށް މަޖިލީހަށް ތަރިކައާއި ގުޅޭ ބިލެއްވެސް ހުށަހަޅާފައެވެ.

މި ބިލުގައި ތަރިކަ ރައްކާތެރިކުރުމަށް ބޯޑެއް އެކުލަވާލުމާއި، ތަރިކާ ޙިމާޔަތްކުރުމުގައި މިނިސްޓްރީތަކާއި ކައުންސިލްތަކުގެ ދައުރު ކަނޑައެޅުމާއި، ތަރިކަ ކަނޑައަޅާނެ ގޮތާއި، ތަރިކައަކަށް ގެއްލުންދޭނަމަ އެކަމާއިމެދު ޢަމަލުކުރާނި ގޮތްތައް ކަނޑައަޅާފައިވެއެވެ.

ތަރިކަ ޙިމާޔަތްކުރުމަށް ކުރާ މަސައްކަތުގެދަށުން ހެރިޓޭޖް މިނިސްޓްރީން މިހާރުވަނީ ރާއްޖޭގައި ހުރި އާސާރީ ތަރިކަ ތަކުގެ ލިސްޓެއް އެކުލަވާލާފައެވެ. މި ލިސްޓުގައި 400އަށްވުރެ ގިނަ ތަންތަން ހިމެނެއެވެ.