ޚަބަރު

އެކަށީގެންވާ ބަޖެޓެއް ނެތުމަކީ މީޑިއާ ކައުންސިލް ހިންގުމަށް ދިމާވެފައިވާ ގޮންޖެހުމެއް- ހިދާޔަތުﷲ


މިޑީއާގެ ދާއިރާ މަތީ ހަރުފަތަކަށް ގެންދިއުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ އެކަމަށް ބޭނުންވާ ބަޖެޓް މީޑިއާ ކައުންސިލްގައި ނެތުންކަމަށް މީޑިއާ ކައުންސިލްގެ ރައީސް ހިދާޔަތުﷲ ވިދާޅުވެއްޖެއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ހިދާޔަތުﷲ ވިދާޅުވީ މީޑިއާ ކައުންސިލްގެ މިހާރުގެ ބަޖެޓްގައި މުވައްޒަފުންގެ މުސާރައާއި، ކައުންސިލްގެ ބިލްތައް ދެއްކުމަށްފަހު އިތުރު ލާރިއެއް ނުހުންނަކަމަށެވެ. އަދި މިއީ މީޑިއާގެ ދާއިރާއަށް ބޭނުންވާ މީހުން ތަމްރީންކޮށް، ޚަބަރާއި މަޢުލޫމާތު ފެތުރުމުގެ ފެންވަރު ރަނގަޅުކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށް އޭނާ ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރުވެސް 180އަށްވުތެ ގިނަ ނޫސްމަޖައްލާ ރަޖިސްޓަރކޮށްފައިވާއިރު، މި ފަރާތްތަކުގެ މަސައްކަތް މޮނިޓަރ ކުރުމުގެ ބާރު މީޑިއާ ކައުންސިލްގައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.

ޙިދާޔަތުﷲ ވިދާޅުވީ މީޑިއާ ކައުންސިލްގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ސާލިޙާއި، ސަރުކާރުގައި ޙިއްސާކޮށްފައިވާކަމަށާއި، މި ކަންބޮޑުވުންތައް ޙައްލުކޮށްދެއްވުމަށް މަސައްކަތް ކުރައްވާނެކަމަށް ރައީސް ވިދާޅުވެފައިވާކަމަށެވެ.

"ކަންކަން ޙައްލުކުރުމަށް ކައުންސިލްގައި ފައިސާއެއް ނެތް. ނޫސް މަޖައްލާތައް ރެޖިސްޓަރކޮށް ބާތިލްކުރުމުގެ ބާރު އޮތީ ހޯމް މިނިސްޓްރީގައި، މިއީ މީޑިއާ ކައުންސިލްގެ ޒިންމާއަށް ނޭދެވޭ އަސަރުކޮށް، ކައުންސިލްގެ މަސައްކަތް ހުއްޓުމަށް އައިސްދާނެކަމެއް." ހިދާޔަތުﷲ ވިދާޅުވިއެވެ.

މީގެއިތުރުން ކައުންސިލް މެންބަރުންނަކީ ކައުންސިލްގެ މަސައްކަތްތަކަށް ވަގުތުދެވޭ ފުލްޓައިމް މުއައްޒަފުންނަށް ހެދުމުގެ މުހިންމުކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޙިދާޔަތުﷲ ވިދާޅުވީ "ރިޕޯޓަރސް ވިތައުޓް ބޯޑަރސް"ގައި ރާއްޖެއަށް 22 ދަރަޖައިގެ ކުރިއެރުމެއް ލިބުމަކީ، ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށްއޮތް ޤާނުުނުތައް އުވާލުމުގެ ނަތީޖާކަމަށެވެ.

"ނޫސްވެރިކަމަކީ ސަރުކާރު ނުވަތަ އެހެން މީހެއްގެ ނުފޫޒު ނެތި، ހަޤީގަތް އޮޅުވާނުލައި، ދީނީ ވަޙްދަތާއި، މަސްލަހަތާއި، ފަތުދީ މިނިވަންކަން ގެއްލޭގޮތަށް ކުރާ ކަމަކަށް ވެގެން ނުވާނެ. ނޫސްވެރިކަން ވާންޖެހޭނީ ރައްޔިތުންގެ ފިކުރާއި ހިޔާލު ތަނަވަސްކޮށްދޭ ކަމަކަށް." ޙިދާޔަތުﷲ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ނޫސްވެރިކަމަކީ ޤައުމުގެ މޫނުބަލާ ލޯގަނޑަށްވާއިރު ނޫސްވެރިންގެ މަސައްކަތުގެ ފެންވަރު ރަނަގަޅުކުރުމަށް، ނޫސްވެރިންގެ އަގު ވަޒަންކުރުމާއި، ފަސޭހައިން މަޢުލޫމާތު ލިބޭނެ މަގު ފަހިކޮށްދިނުމާއި، ސިޔާސީ ނުފޫޒު ކަނޑުވާލުމާއި، ފަސޭހައިން ސްޕޮންސަރ ލިބޭނެ ގޮތް ހެދުމާއި، ކިޔެވުމުގެ ފުރުޞަތުދިނުމާއި، ޙިމާޔަތާއި ރައްކާތެރިކަން ދޭންޖެހޭކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅުވައިގެން ބޭއްވި މި ޖަލްސާގައި މީޑިއާ ސްޓޭޝަންތަކުގެ އިސްވެރިންނާއި، ނުސްވެރިންވެސް ބައިވެރިވެފައިވެއެވެ.