ޚަބަރު

މުޙައްމަދު ޒާހިރުގެ ޚިދުމަތަށް ފަނޑުކަމެއް ނެތް!


ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިޔާ ހ.ބުރެވިމާގެ އަލްމަރްޙޫމް މުޙައްމަދު ޒާހިރުގެ ތައުބީންގެ ޖަލްސާ ބާއްވައިފިއެވެ. މިޖަލްސާގައި އެމަނިކުފާނު މޯލްޑިވްސް ކަސްޓަމްސްް ސަރވިސްއަަށް ކޮށްދެއްވާފައިވާ ޚިދުމަތުގެ އަގު ވަޒަންކުރުމަށްޓަކައި ހަނދާނުގެ ޝަރަފުގެ އައްޑަނައަކާއި ލިޔުމެއްވަނީ ޒާހިރުގެ އާއިލައަށް އަރުވާފައެވެ. މިލިޔުން އާއިލާއާއި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ މުޙައްމަދު ޒާއިރު އަވަހާރަވީ މިއަހަރުގެ މަރޗްމަހުގެ 15ވަނަ ދުވަހުގެ ރޭ އައިޖީއެމް ހޮސްޕިޓަލުގައެވެ.

ދަޢުލަތަށް 63 އަހަރަށްވުރެ ދިގު މުއްދަތެއްވަންދެން ޚިދުމަތް ކޮށްދެއްވާފައިވާ މުޙައްމަދު ޒާހިރުވަނީ މިނިސްޓަރ އޮފް ސްޓޭޓްކަމުގެ މަޤާމާއި، ފިޝަރީޒް މިނިސްޓަރީގެ ނައިބުގެ މަޤާމާއި، ރައީސްގެ ޕްރައިވެޓް ސެކެޓްރީގެ މަޤާމާއި، ކަސްޓަމްސްގެ އިސް ވެރިޔގެ މަޤާމާއި، ޓެލެކޮމިއުނިކޭޝަން ޑިޕަރޓްމަންޓްގެ ވެރިޔާގެ މަޤާމާއި، އަތޮޅުވެރިޔާގެ މަޤާމުގެ އިތުރުން، އިތުރު މަޤާމުތައްވެސް ފުރުއްވާފައިވެއެވެ.

އެމަނިކުފާނު އެންމެ ގިނަ ޚިދުމަތްތަކެއް ކޮށްދެއްވި އެއް މުއައްސަސާއަކީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއެވެ. 17 އަހަރުގެ ދިގު މުއްދަތަށް އެމަނިކުފާނު ކަސްޓަމްސްއަށް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކުރުމަށް ކަސްޓަމްސްއިންވަނީ ހަނދާނުގެ އައްޑަނައަކާއި އެކަމުގެ ލިޔުން އެމަނިކުފާނުގެ ހަނދާނަށް އަރުވާފައެވެ. ހަނދާނުގެ ފިލަޔާއި ލިޔުމާއި ހަވާލުވެލެއްވީ އެމަނިކުފާނުގެ ދަރިކަނބަލުން މަދިޔާނާ ޝުޖާއުއެވެ.

ތަޢުބީންގެ ޖަލްސާގައި ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ދައުލަތުގެ ކުރިގެ އިސްވެރިންނާއި މުޙައްމަދުގެ ޒާހިރުގެ ޢާއިލާއާއި، ރަޙްމަތްތެރިންވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ. މި ޖަލްސާގައި އެމަނިކުފާނުގެ ހަނދާނުގައިވަނީ އެއްމިނެޓުގެ ސުކޫތެއް އަރުވާފައެވެ.

ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، އެސިސްޓަންޓް ކޮމިޝަނަރ އޮފް ކަސްޓަމްސް އާމިނަތު ނަޝީދާއާއި، މުޙައްމަދު ޒާހިރްގެ ދަރިކަލުން މަޙްމޫދު ޝުޖާއުވަނީ، މަރުޙޫމް ޒާހިރުގެ ދިރިއުޅުއްވުމާއި، ޤައުމީޚިދުމަތާއި ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ މައްޗައް އަލިއަޅުއްވާލައްފާއެވެ.

އެމަނިކުފާނު އެންމެ ބޮޑަށް ފާހަގަވަނީ އެމަނިކުފާނު ކަސްޓަމްސްއަށް ކޮށްދެއްވި ގިނަގުނަ މަސައްކަތުންނެވެ. ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އެސިސްޓަންޓް ކޮމިޝަނަރ އޮފް ކަސްޓަމްސް އާމިނަތު ރަޝީދު ވިދާޅުވީ، މުޙައްމަދު ޒާހިރަކީ މިހާރު މިފެންނަ ކަސްޓަމްސްގެ ތަރައްޤީގެ ބާނީކަމަށެވެ. އެމަނިކުފާނުގެ ޚިދުމަތްތަކުގެތެރޭގައި އިމްޕޯޓް ޑިއުޓީ ނަގަން ފެށުމާއި، މުދާ ކެޓަގަރައިޒްކޮށް ޑިއުޓީ ނަގަން ފެށުމާއި، އަތޮޅުތަކުގައި ކަސްޓަމްސްގެ އޮޮފީސްތައް ޤާއިމުކުރުމާއި، މުވައްޒަފުންނަށް ތަމްރީ ދިނުމަށް އިސްކަންދެއްވުން ހިމެނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެެ.

"އެމަނިކުފާނުވަނީ ޒާމާނަށް ކަސްޓަމްސް ބައްޓަންކޮށް، ކަސްޓަމްސްގެ މަސައްކަތްތައް ހަރުދަނާކުރުމަށް ގޮފިތަކަށް ބަހާލައި މަސައްކަތްތައް ފަށްޓަވާފައި." އާމިނަތު ރަޝީދު ވިދާޅުވިއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވީ މުޙައްމަދު ޒާހިރަކީ ދަޢުލަތުގެ މުހިންމު ކަންކަމުގައި ލަފާދެއްވި ހަރުދަނާ ބޭފުޅެއްކަމަށެވެ. އަދި ޒާހިރަކީ މަސައްކަތައް ޒިންމާދާރު މީހުންނާގުޅިގެން މަސައްކަތްކުރެއްްވި ބޭފުޅެއްކަން ރައީސް މައުމޫން ފާހަގަކުރެއްވިއެވެ.

"އެންމެ ފާހަގަކޮށްލެވޭ ސިފައަކީ ކަމެއް ގޯސްވީމަ އެކަން އެހެން މީހެއްގެ ބޮލުގައި އަޅުވާނެ ބޭފުޅެއް ނޫން އެއީ، އަމިއްލައަށް ކަންކަމާއި ކުރިމަތިލައްވައި، ޙައްލުކުރައްވަން މަސައްކަތް ކުރައްވާ ބޭފުޅެއް." މައުމޫން ވިދާޅުވިއެެވެ.

އަލްމަރްހޫމް މުޙައްމަދު ޒާހިރްއަކީ ދައުލަތުގެ މަސައްކަތްތަކުގެ އިތުރުން، އާއިލީ ކަންކަމަށް މަސައްކަތްކޮށްދެއްވި، އަދި ހަރުދަނާ، އާއިލާއެއް ބިނާކުރުމަށް މަސައްކަތްކުރެއްވި ބޭފުޅެއްގެ ގޮތުގައި އެމަނިކުފާނުގެ އާއިލާއިން ސިފަކުރައްވައެވެ. އެމަނިކުފާނު އަވަހާރަވިއިރު، އަނބިކަނބަލަކާއި، 7 ބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.