ޚަބަރު

އޫރިދޫ ބަލިކޮށް ޔުނައިޓެޑް ބީ.އެމް.އެލް ފައިނަލަށް


އޫރިދޫ ބަލިކޮށް ކްލަބް މޯލްޑިވްސް ކަޕްގެ ފައިނަލުން ދެހާސް ސޯޅަ ވަނަ އަހަރުގެ ޗެމްޕިއަނުން ޔުނައިޓެޑް ބީ.އެމް.އެލް ޖާގަ ހޯދައިފިއެވެ.

ބީ.އެމް.އެލް ފައިނަލަށް ދަތުކުރީ ރޭ ކުޅުނު ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ތިނެއް ސުމަކުން އޫރިދޫ ބަލިކޮށްގެންނެވެ. މިމެޗުގައި ބީ.އެމް.އެލް ޓީމުން ޖެހި ތިން ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މުޅި މުބާރާތުގައިވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުންދާ ފޯވާޑް އަލީ ހާފިޒެވެ.
ބޭންކް ވަނީ މިމުބާރާތުގައި ވާދަކުރި ކޮންމެ ޓީމެއްކޮޅަށް މަދުވެގެން ތިން ލަނޑު ޖަހާފައެވެ.

މެޗަށްފަހު ބީ.އެމް.އެލް ޓީމުގެ ކޯޗު އިސްމާއިލް އަނިލްވެސް ވަނީ ޓީމުގެ ލަނޑުތައް ކާމިޔާބުކޮށްދިން ފޯވާޑް އަލީ ހާފިޒަށް ތައުރީފް ކޮށްފައެވެ. އަނިލް ބުނީ ހާފިޒަކީ ފުޓްސަލްގެ ކިންގް ކަމަށާއި އެނަން ދެމެހެއްޓުމަށްޓަކައި ޓީމު ބައްޓަން ކުރީވެސް ހާފިޒްގެ ބޭނުން އެންމެ ރަނގަޅަށް ހިފޭނެ ގޮތަށް ކަމަށެވެ.

އުރީދޫގެ ކޯޗު އާފިއު މުހައްމަދު ހާމިދް ބުނީ މެޗަށް އައީ ޕްލޭނަކާ އެކު ކަމަށާއި އެހެންނަމަވެސް އެކަން ހާސިލް ނުވީ ހާފިޒް ނުހިފެހެއްޓިގެން ކަމަށެވެ. އަދި މެޗުން އެކެއް ސުމަކުން ބަލިވަމުން ދަނިކޮށް ބައިކޮޅަށް އިތުރު ލަނޑުތަކެއް ވަނީ ކޯޗު ބުނި ގޮތަން ކުޅުންތެރިން ނުކުޅުމުން ކަމަށާއި އެންމެ ފަހު ވަގުތު ގޮތެއް ހެދޭތޯ މަޑުކުރަން ހުއްޓަ ބައިކޮޅަށް އިތުރު ލަނޑުތަކެއް ވަނުމުން އެކަންވެސް ހާސިލް ނުކުރެވުނީ ކަމަށެވެ.